ޚަބަރު

ހުޅުމާލޭގައި ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒެއް ހުޅުވައިފި


މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށްޓަކާ، ހުޅުމާލޭގައި ޤާއިމުކޮށްފައިވާ "ހާފްވޭ ހައުސް" ހޯމް މިނިސްޓަރ އުމަރު ނަސީރު ރަސްމީކޮށް ހުޅުއްވާދެއްވައިފިއެވެ. ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ހުޅުމާލޭގައި އަލަށް ހުޅުވި މި ހާފްވޭ ހައުސްއަކީ އިޓަލީގެ ޖަމިއްޔާއެއް ކަމަށްވާ "ކަރިޓާސް އިޓަލިޔާނާ"ގެ ދީލަތި އެހީއާއެކު ޤާއިމުކޮށްފައިވާ މަރުކަޒެކެވެ. ހުޅުމާލޭގައި އަލަށް ޤާއިމުކޮށްފައިވާ "ހާފްވޭ ހައުސް"އަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ޤާއިމުކުރުމަށް ދަޢުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާ މަރުކަޒެކެވެ. މިމަރުކަޒަކީ ރެޒިޑެންޝަލް ފަރުވާ ނިންމާ، ކޮމިއުނިޓީ ފަރުވާއަށް ދިއުމުގެ ކުރިން މުޖުތަމަޢަށް ނެރުމަށް ތައްޔާރުވުމުގެ ގޮތުން ސެމީ ރެޒިޑެންޝަލް ތަނެއްގައި ބޭތިއްބުމަށް ތައްޔާރުކުރެވޭ ތަނެކެވެ. މި މަރުކަޒުގައި ފަރުވާދެވޭނީ ތިން މަސް ދުވަހަށެވެ. ހާފްވޭ ހައުސް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، މިމަރުކަޒުގައި ފަރުވާ ހޯދާ ފަރާތްތަކަށް، އެމަރުކަޒުގައި ތިބޭ މުއްދަތުގައި، ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެކަމަށެވެ. އެގޮތުން ތަފާތު ވަޒީފާތަކަށް ބޭނުންވާ ހުނަރާއި، ތަޢުލީމު ހޯދައިދީ، މުޖުތަމަޢަށް ފައިދާހުރި އަދި އާމްދަނީ ލިބޭ މަސައްކަތެއް ހޯދޭނެ ފެންވަރަށް ފަރުވާ ހޯދާ މީހުން ގެންގޮސްދިނުމަށް މި މަރުކަޒުން މަސައްކަތް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "މަސްތުވާތަކެތީގެ ވަބާއިން މުޅި ރާއްޖެ ސަލާމަތްކުރުމަށްޓަކާ، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލާ މީހުން އަލުން އެވަބާގެ ތެރެއަށް ވަނަނުދިނުމަށްޓަކައި، ރިހެބިލިޓޭޝަންގެ މަސައްކަތްތައް ހަރުދަކުރަންޖެހޭ" އެމަނިކުފާނު ވިދާޅުވިއެވެ.  އެން.ޑީ.އޭ ބޯޑުގެ ޗެއަރމަން ލެފްޓިނެންޓް ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދު ވިދާޅުވީ، މިމަރުކަޒުގެ ސަބަބުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާގެ ފުރުސަތު ފޯރުވައި ދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. ހުޅުމާލޭގައި އަލަށް ހުޅުވުނު "ހާފްވޭ ހައުސް"ގައި ކައުންސިލިން ދެވޭނެ އިންތިޒާމްތަކާއި، ޢިލްމާއި ހުނަރު ދަސްކޮށްދިނުމުގެ އިތުރުން، ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ހަމައެހެންމެ ފަރުވާ ހޯދަންދާ ފަރާތްތަކަށް އެމަރުކަޒުގައި ތިބެވޭނެ އިންތިޒާމްވެސް އެން.ޑީ.އޭގެ ފަރާތުން ހަމަޖައްސާފައިވެއެވެ. މީގެ އިތުރުން އަތޮޅުތަކުން ރިހެބިލިޓޭޝަން ފަރުވާ ހޯދުމަށް މާލެ އައިސް، މާލޭގައި ތިބެގެން ފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކަށް މި މަރުކަޒުގެ ސަބަބުން ހައްލެއް ލިބިގެންދާނެކަމަށް އެޖެންސީން މައުލޫމާތުދެއެވެ.