ވިޔަފާރި

މިދިޔަ އަހަރު ގްރީން ފަންޑަށް 915 މިލިއަން ރުފިޔާ


މިދިޔަ އަހަރު ގްރީން ފަންޑަށް 900 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްސްއެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސް، ސިޓީ ހޮޓާއިތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނުގައި ބުނާގޮތުން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހެއެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ގްރީން ފަންޑަށް ވަނީ 915 މިލިއަން 85 ހާސް 800 ސަތޭކަ 25 ރުފިޔާ ލިބިފައެވެ. އަދި އެފައިސާގެ ތެރެއިން 372 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެކި އެކި މަޝްރޫޢުތަކަށް ޚަރަދުކުރުމަށްފަހު މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި ބާކީ ހުރީ 542 މިލިއަން ރުފިޔާކަމަށްވެސް ފިނޭންސްގެ މާލީ ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ގްރީން ފަންޑަށް އެންމެ ގިނައިން ފައިސާ ލިބުނީ މާޗުމަހުއެވެ. މާޗުމަހު އެފަންޑަށް 89 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އޭޕްރީލް މަހު 85 މިލިއަން ރުފިޔާ ލިބިފައިވާއިރު ޖެނުއަރީ، ފެބްރުއަރީ، މޭ، އޮގަސްޓް އަދި ސެޕްޓެމްބަރުމަހު 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ގްރީން ފަންޑަށް ލިބިފައިވެއެވެ. އެންމެ މަދުން ލިބިފައިވަނީ ޖުލައިމަހުއެވެ. އެއީ 51 މިލިއަން ރުފިޔާއެވެ.

ގްރީން ފަންޑުން މިދިޔަ އަހަރު އެކި މަޝްރޫޢުތަކަށް 372 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ މަޝްރޫޢުތަކަށެވެ.