ވިޔަފާރި

އެމްޓީސީސީއަށް ލިބުނު އާމްދަނީވެސް، ފައިދާވެސް ދަށަށް!


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ދަށަށް ހިނގައްޖެއެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15.4 އިންސައްތަ ދަށަށް ގޮސްފައެވެ.

އެމްޓީސީސީން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.11 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިއީ އޭގެ ކުރީ އަހަރު ލިބުނު 1.28 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 170 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން ޓެކްސްއަށް ކެނޑުމަށްފަހު އެކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 33.2 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރު ސާފު ފާއިދާގެ ގޮތުގައި އެކުންފުންޏަށް ލިބުނު 43.2 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 10 މިލިއަނެއްހާ ރުފިޔާ މަދު އަދަދެކެވެ.

އެމްޓީސީސީން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ކުރި މަސައްކަތްތަކަށް ބަލާއިރު، ކޮންސްޓްރަކްޝަން ދާއިރާގެ 46 މަޝްރޫޢެއް އެކުންފުނިން ކުރިއަށްގެންދިޔައެވެ. މިދިޔަ ކުއާޓަރުގައި މުޅިން އަލަށް 19 މަޝްރޫޢެއް އެމްޓީސީސީއަށް ލިބިފައިވާއިރު، 13 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި 5 މަޝްރޫޢެއްގެ މަސައްކަތް ވަނީ މިދިޔަ ކުއާޓަރގެ ތެރޭގައި ވަނީ ނިންމާލާފައެވެ.

ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން އެކުންފުނިން ކުރިއަށްގެންދާ ދަތުރުފަތުރުގެ ޚިދުމަތްވެސް އިތުރު ސަރަޙައްދުތަކަށް ފުޅާކޮށްފައިވާކަމަށް އެމްޓީސީސީގެ ރިޕޯޓްގައިވެއެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށަށް ގޮސްފައިވާއިރު، ސަރުކާރުން ވަނީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ހަސަން ޝާހު އެމްޑަބްލިޔުއެސްސީއަށް ބަދަލުކުރައްވާފައެވެ. އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި އާދަމް އާޒިމް ވަނީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަނުކޮށްފައެވެ.