މިވަގުތު ރާއްޖޭގައި ކޮރޯނާ ވައިރަހުގެ އަސަރު ހުރިކަމަށް ޝައްކު ކުރެވޭ އެއްވެސް މީހަކު އެކަހެރިކޮށްފައި ނެތްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ކޮރޯނާވައިރަސް ނެތްކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގައި އެކަހެރިކުރި އެއްވެސް މީހަކު އެ ވައިރަހަށް ޕޮޒިޓިވް ވެފައި ނުވާކަމަށެވެ.
ޗައިނާއިން ރާއްޖެ އައި 20 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކޮރޯނާ ވައިރަސް ނެތްކަން ކަށަވަރު ކުރުމަށްޓަކައި އޭނާ އެކަހެރިކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޗްޕީއޭއިން ވިދާޅުވީ އޭނާ ކޮރޯނާ ވައިރަހަށް ޓެސްޓްކޮށް ބެލިއިރު އެ ވައިރަހުގެ އަސަރު ނެތުމުން އޭނާ މިހާރު ދޫކޮށްލާފައިވާކަމަށެވެ. އަދި އެމީހާގެ އިތުރުން ކޮރޯނާވައިރަހުގެ އަސަރު ހުރެދާނެކަމަށް ޝައްކުކުރެވިގެން ޓެސްޓުކުރި އިތުރު 6 މީހަކުވެސް އެ ވައިރަހަށް ނެގެޓިވް ވެފައިވާތީ އެ މީހުންވެސް ދޫކޮށްލާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ކޮރޯނާވައިރަހަށް އެކަށީގެންވާ ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާއިރު ސައިންސްވެރިން ގެންދަނީ އެބަލީގެ ފަރުވާ ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ. މީގެއިތުރުން ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މީހުންގެ ގައިގައި އެ ވައިރަސް ހުރިކަން ދެނެގަތުމަށް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓު ކިޓުތައްވެސް އުފެއްދުމުގެ މަސައްކަތް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
އަދި މިފަދަ ކިޓުތައް ބޭނުންކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ދިންހާ އަވަހަކަށް އެތަކެތި ރާއްޖެއަށް ގެނެސް ބޭނުން ކުރަން ފަށާނެކަން ދިވެހި ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ޢަމަލުކުރަމުން ދަނީ ސީދާ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.