ޚަބަރު

42 ރަށެއްގެ އިންޖީނުގެ ބަދަލުކުރަންޖެހޭ- ފެނަކަ




އަތޮޅުތަކުގެ ސާޅީސް ދެ ރަށެއްގެ އިންޖީނުގެ އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ، އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި އިންޖީނުގެ ކައިރިވުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާތީ، 42 ރަށެއްގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާކަމަށެވެ.ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ، ބައެއް ރަށްރަށުގެ އިންޖީނުގެ އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މިހާރު އާއިންޖީނުގެ އެޅުމަށްފަހު، ނ. އަތޮޅު ލަންދުއާއި، ރ.މަޑުއްވަރީގައި ޚިދުމަތްދޭން ފަށާފައިވާކަމަށެވެ. އަދި ރ. އަލިފުށީގެ އާ އިންޖީނުގެ ރޯދަމަށްފަހު ޚިދުމަތް ދޭންފެށޭނެ ކަމަށާއި، ތ.ގާދިއްފުއްޓާއި ކިނބިދޫ އާއި، ގދ.ފިޔޯރީއާއި، ހއ.އުލިގަމާއި، މާރަންދޫ އާއި ވަށަފަރުގެ އާ އިންޖީނުގޭގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އާ އިންޖީނުގެއެއް އަޅާ ޚިދުމަތް ފެށުމަށް ބާރަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ފެނަކައިން ހާމަކުރައްވައެވެ.މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހު އިފްތިތާހުކުރެއްވި 24 ގަޑިއިރު ކަރަންޓް ޔަގީންކުރުމުގެ މަޝްރޫގެ ދަށުން ރާއްޖެ ގެނައި 77 ޖަނަރޭޓަރު ރަށްތަކަށް ފޯރުކޮށްދީފައިވާކަމަށާއި، ފުވައްމުލައް ފިޔަވާ ހުރިހާ ރަށަކުން ޚިދުމަތްދޭން ފަށާފައިވާކަމަށް ނިމާލް ވިދާޅުވިއެވެ. ފުވައްމުލަކުގައި ކުރިއަށްދަނީ ބެޑް އަޅާ އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ނިމާލް ވިދާޅުވީ، އައްޑޫ ސިޓީގެ އިންޖީނުގެއަކީ ވަރަށް ކުރީގެ ތަނަކަށްވެފައި، އެތަނުން ކަރަންޓް ފޯރުކޮށްދެމުން އައިސްފައިވަނީ، އާބާދީއަށް އެންމެ އެކަށޭނަ ގޮތަށްކަމަށްނުވާތީ، ކުރީގެ ތަކެތި އާކޮށް، މިހާރު އާ އިމާރާތެއް އަޅައި އިންޖީނުތައް އިންސްޓޯލްކޮށް ބެޑް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ކުރިއަށްއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ.

ކުރީ އަހަރުގެ ރޯދަމަސްތަކާއި އަޅާބަލާއިރު މިރޯދަމަހު  ޚިދުމަތް ފޯރުނުކޮށްދެވިގެން ރައްޔިތުންގެ ފަރާތުން އެއްވެސް ޝަކުވާއެއް ލިބިފައިނުވާކަމަށާއި، މިއީ، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރެވުނު ގިނަ މަސައްކަތްތަކެއްގެ ނަތީޖާކަމަށް ނިމާލް ވިދާޅުވިއެވެ. ކުރީ އަހަރުގެ ރޯދަމަސްތަކާއި އަޅާބަލާއިރު މިރޯދަމަހު  ޚިދުމަތް ފޯރުކޮށްނުދެވިގެން ރައްޔިތުންގެ ފަރާތުން އެއްވެސް ޝަކުވާއެއް ލިބިފައިނުވާކަމަށާއި، މިއީ، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރެވުނު ގިނަ މަސައްކަތްތަކެއްގެ ނަތީޖާކަމަށް ވިދާޅުވިއެވެ. 

އައްޑޫ ސިޓީގެ ކަރަންޓު އަގުބޮޑުވެފައިވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ ނިމާލް ވިދާޅުވީ، 2009 ވަނަ އަހަރު އެނާޖީ އޮތޯރިޓީން ފާސްކޮށްފައިވާ ރޭޓެއް ތަންފީޒްކުރީކަމަށާއި، އެއޮތޯރިޓީން ފާސްކުރާ ރޭޓްތަކަށް އެކުންފުނިން އަމަލުކުރަންޖެހޭނެކަމަށެވެ. އަދި ފެނަކައިން ކަރަންޓުގެ އަގު ބޮޑުކުރުމަށް މަސައްކަތްނުކުރާކަމަށް ނިމާލް ވިދާޅުވިއެވެ. މިއީ، 2009 ވަނަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ޔުޓިލިޓީސްތަކަށް ފާސްކޮށްފައިހުރި އަގުތަކެއްކަމަށާއި، އެއަގުތައް ތަންފީޒްކުރީކަމަށް އޭނާ ވިދާޅުވިއެވެި. ކަރަންޓު ސަބްސިޑީ މިހާތަނަށް ނުލިބި ހުރީ މާލޭގެ ވިޔަފާރިވެރިންނަށްކަމަށާއި، ނަމަވެސް މިހާރު އައި ބަދަލަކީ، ހުރިހާ ވިޔަފާރިތަކަށް ކަރަންޓް ސަބްސިޑީ ދިނުން ހުއްޓާލުމުން ވިޔަފާރިތަކަށް ބަދަލު އައީކަމަށް ވިދާޅުވިއެވެ. އަދި އާންމު އެއްވެސް ރައްޔިތެއްގެ ކަރަންޓް ބިލަށް ބަދަލު އައިސްފައި ނުވާނެކަމަށް ނިމާލް ފާހަގަ ކުރެއްވިއެވެ.