ވިޔަފާރި

ދަނޑުވެރިކަން މާކެޓްކުރުމަށް އުފައްދާ ކުންފުނި މިއަހަރު ހުޅުވޭނެ- ރައީސް


ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓްކުރުމަށް އުފައްދާ ސަރުކާރު ހިއްސާވާ ކުންފުނި މިއަހަރު ހުޅުވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފައްދާ ކުންފުނި އުފައްދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ގުޅިގެންނެވެ.

2020 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވީ، ދަނޑުވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެމީހުންގެ އުފެއްދުންތައް މާކެޓްކުރާނެ ގޮތެއް ނެތުންކަމަށެވެ. އެހެންކަމުން ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކުރުމަށް އުފައްދާ ކުންފުނި މިއަހަރު ހުޅުވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ދަނޑުވެރިން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ، އެފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް، ވިއްކާ އަދި، ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިއުން. މިގޮތުން، ސަރުކާރު ޙިއްޞާވާ އެގްރި ކުންފުންޏެއް އުފައްދައި، ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ އިންތިޒާމްތައް މި އަހަރު ތެރޭގައި ހަމަޖެހިގެންދާނެ." ރައީސް ވިދާޅުވިއެވެ.

މި ކުންފުނީގެ ސަބަބުން ދަނޑުވެރިކަން މިހާރު އޮތް ހަރުފަތުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީވެދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ކުންފުނި އުފެދުމުން ރާއްޖޭގެ އުތުރާއި ދެކުނުން ދަނޑުވެރިން އުފައްދާ ތަކެތި ހަލާކުވިޔަނުދީ ހެޔޮ އަގުގައި ވިއްކުމުގެ މަގު ފަހިވުމުގެ އިތުރުން، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަކެތިވެސް ވީހާވެސް ގާތުން ހެޔޮ އަގުގައި ދަނޑުވެރިންނަށް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.