ޚަބަރު

ފްލެޓްތަކުގެ ޙައްޤުވެރިންނަށް މިއަހަރު ފްލެޓްތައް ލިބޭނެ


ހިޔާ މަޝްރޫޢުގެ ފްލެޓްތައް މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ ހިޔާ މަޝްރޫޢުގެ ސަތާރަ ހާސް އެއް ސަތޭކަ އައްޑިހަ ނުވަ ފޯމެއް މިހާތަނަށް ސްކްރީންކޮށްފައިވާކަމަށެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުއްވާދެއްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުންކަން ފާހަގަކުރައްވާފައެވެ. މި މައްސަލައަށް ހައްލު ހޯދައިދީ ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ރައްޔިތުން ގެދޮރުވެރިކޮށްދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، ވިހި ހާހަށްވުރެ ގިނަ ޢާއިލާ، ހަމައެކަނި މާލެ ސަރަޙައްދުގައި ވެސް އެބަތިބިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމުގެ މަސައްކަތް ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ޙައްޤުވާ މީހުންގެ ލިސްޓް ޢިއުލާންކުރުމަށް ތައްޔާރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ހިޔާ މަޝްރޫޢުގެ 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން. މިހާތަނަށް މުޅި ޖުމްލަ، 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ޙައްޤުވާ މީހުންގެ ލިސްޓްތައް ޢިއުލާންކުރުމަށް ވަނީ ތައްޔާރުވެފައި. ހިޔާ މަޝްރޫއުގެ 7000 ފްލެޓް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރެވޭނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ އިތުރުން މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށްވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވާދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

"ހދ. މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫން، 2011 ވަނަ އަހަރު އެ އަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރި ޢާއިލާތަކުގެ ތެރެއިން، މިހާތަނަށްވެސް ދާއިމީ ބޯހިޔާވަހިކަން ނުލިބޭ އެތައް ޢާއިލާއެއް އެބަތިބި. އެ ޢާއިލާތަކަށް ބޭނުންވާ، 60 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ނިންމައި، މިއަހަރު ތެރޭގައި އެތަންތާގައި ދިރިއުޅެން ފެށޭވަރުވާނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރައްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާއިރު، މި ފްލެޓްތައް ހައްޤުވެރިންނަށް ނުލިބި ލަސްވުމުން އާންމުންގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަނީ 7000 ހައުސިންގ ޔުނިޓްކަމަށް ނިމިދިޔަ ސަރުކާރުން ބުނި ނަމަވެސް، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފައިވަނީ ހިޔާ މަޝްރޫޢުގެދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަނީ 6860 ހައުސިންގ ޔުނިޓްކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދަނީ 25 ބުރީގެ 16 ޓަވަރެވެ.

ހިޔާ މަޝްރުޢޫގެދަށުން އިމާރާތްކުރާ އެޕާޓްމަންޓްތަކަކީ 550 އަކަފޫޓުގެ ޔުނިޓްތަކެއްކަމަށް އެޗްޑީސީން ބުނެއެވެ. މި އެޕާޓްމަންޓުތަކުގެ އަގުގެގޮތުގައި 6 ހާސް ރުފިޔާ ކަނޑައަޅާފައިވާއިރު، މި ޑިޒައިނަށް ބަދަލުގެނެސް، ކޮޓަރި އިތުރުކޮށްފިނަމަ އަގު 11000 ރުފިޔާއަށް އުފުލޭނެކަމަށް ލަފާކުރެވޭކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތަކަކީ ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކައިގެން އެތަނުގައި ކުރިއަށްގެންދަންފެށި އެންމެ ފުރަތަމަ ހައުސިންގ މަޝްރޫޢުއެވެ.