ޚަބަރު

ދީނުގެ ނަމުގައި ހައްދުފަހަނައެޅުން ހުއްޓުވުމަށް ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލަނީ

ދީނުގެ ނަމުގައި ކުރަމުންދާ ހައްދުފަހަނައަޅާފައިވާ ކަންކަން ޙައްލުކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، ތަންފީޒުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

2020ވަނަ އހަރުގެ ރިޔާސީ ބަޔާން އިއްވަވައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސްވަނީ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ޚިލާފު ޚިޔާލު ފާޅުކުރުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވާފައެވެ.

މި ކަންކަން ޙައްލުކުރުމަށް، ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް މަޢުލޫމާތު ބަދަލު ކުރެވޭނޭހެން، ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، ތަންފީޒުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. ޓެރަރިޒަމާއި ހަރުކަށި ޚިޔާލުގެ ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކުގެ މެދުގައި، މުޢާމަލާތުކުރެވޭނެ މަރުކަޒީ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރަން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖެއިން ބޭރުގައި ކުރާ ޓެރަރިސްޓް ހަނގުރާމަތަކަށް، ނުވަތަ އެފަދަ ސަރަޙައްދުތަކަށް ދިޔުމަށް ފަހު އެނބުރި އަންނަ މީހުން، އިޞްލާޙްކޮށް މުޖްތަމަޢަށް ގެނައުމަށްޓަކައި ޤާއިމްކުރާ، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ ޢިމާރާތް ވެސް މިހާރުވަނީ ހަދައި ނިމިފައި ވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެކަން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސަރުކާރުން ޢާންމުކޮށް، އެކަމާ ދެކޮޅަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެއްވި. މި ދެ މައްސަލައަކީ އެތައް އަހަރެއް ވަންދެން އޮތް މައްސަލައެއްކަމަށްވިޔަސް މިއަދާ ހަމައަށް މިކަން ޙައްލުނުވެ އޮތީ، އެއީ ނުހިނގާ ކަމެއްކަމަށް ހަދައި، އޭރުގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދީ އޮތުމުން". ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައްޔިތުންގެ ދީނީ ޢަޤީދާ ވަރުގަދަކޮށް، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ސާބިތުވެ ތިބުމަށް ކުރަންޖެހޭ އެންމެހައި ކަންކަމަށް، މިދިޔަ އަހަރުވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން ވަނީ ކޮށްފައެވެ. އެގޮތުން 8 ރަށެއްގައި މިސްކިތް ދަނީ އިމާރާތް ކުރަމުންނެވެ. އަދި އިތުރު 9 ރަށެއްގައި 12 މިސްކިތެއް ޢިމާރާތް ކުރުމުގެ މަސައްކަތް މިއހަރުތެރޭ ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ ގޮތުން އެކި ރަށްރަށުގައި އަލަށް ޢިމާރާތްކުރާ 12 މިސްކިތަށް ހަތްދިހަ ފަސްމިލިއަން އެއްލައްކަ ނުވަދިހަ ހަހާސް ޚަރަދުވާކަމށް ބެލެވެއެވެ. އަދި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އޭސީކުރުމަށް ފެށި މަޝްރޫޢުގެ ދަށުން އެމަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 10 މިސްކިތެއް ޢިއާދަކުރަނިވި ހަކަތަބޭނުންކޮށްގެން އޭސީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިމަޝްރޫއަށް ފަސްމިލިއަން ހަތްލައްކަ ތިރީސް ދެހާސް ރުފިޔާ ގެ ބަޖެޓް އެހަމަޖެހިފައިވެއެވެ.