ޚަބަރު

ކޮރޯނާ ވައިރަސްއަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވް ނުވޭ - ރައީސުލްޖުމްހޫރިއްޔާ


ކޮރޯނާ ވައިރަސްއަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވް ވެފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ ކޮރޮނާ ވައިރަސް ހުރިކަމަށް ޝައްކު ކުރެވިގެން ހެދުމަށް ފޮނުވި ޓެސްޓްތަކުގެ ނަތީޖާ ލިބިފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ފޮނުވި އެއްވެސް ސާމްޕަލްއެއް މި ވައިރަސްއަށް ޕޮޒިޓިވް ވެފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

"ކޮރޯނާ ވައިރަސް ހުރިކަމަށް ޝައްކު ކުރެވިގެން ޓެސްޓް ހެދުމަށް ފޮނުވި ޓެސްޓްތަކުގެ ނަތީޖާ މިހާރު ވަނީ ލިބިފައި. ކޮރޮނާ ވައިރަސްއަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވް ވެފައިނުވާކަން މި ފުރުސަތުގައި އަޅުގަނޑު ފާހަގަކުރަން." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮރޮނާ ވައިރަސްގެ ނުރައްކާ ދުނިޔެއަށް ހިޔަނި އަޅަމުންދާކަމަށެވެ. އެހެންކަމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ލަފަޔާ އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާތައް، އެއް ޢަޒުމެއްގައި މަސައްކަތް ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މި ބަލިން ދިވެހި ރައްޔިތުން ރައްކާތެރި ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިފަދަ ބަލިތަކަކަކީ އިޤްތިޞާދީ ގޮތުންވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވާ ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން އެނގި ތިބެ، ވައިގެ މަގުން ކުރެވޭ ބައިނަލްއަޤްވާމީ ބައެއް ދަތުރުތައް ސަރުކާރުން މެދުކަނޑާލީ، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވދާޅުވިއެވެ.

"މިއީ އިޤްތިޞާދީ ގޮތުންވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން އެނގި ތިބެ، ވައިގެ މަގުން ކުރެވޭ ބައިނަލްއަޤްވާމީ ބައެއް ދަތުރުތައް އަޅުގަނޑުމެން މެދުކަނޑާލީ، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވާތީ. އަދި މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން މިއަންނަނީ އަޅަމުން. އަދި މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން މިއަންނަނީ އަޅަމުން." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖެއަށް އައި 20 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަށިގަނޑުގައި ކޮރޯނާ ވައިރަސް ހުރެދާނެ ކަމަށް ބެލެވޭ ބައެއް އަލާމާތްތައް ފެނިފައިވާތީ އޭނާގެ ގައިގައި ކޮރޮނާ ވައިރަސް ނެތްކަން ކަށަވަރުކުރުމަށް އިންޑިއާއަށް ސާމްޕަލް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ކޮރޯނާވައިރަސްއަށް އެކަށީގެންވާ ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާއިރު ސައިންސްވެރިން ގެންދަނީ އެބަލީގެ ފަރުވާ ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ. މީގެ އިތުރުން ކޮރޮނާ ވައިރަސްއަށް ޝައްކުކުރެވޭ މީހުން ވީއެންމެ އަވަހަށް ދެނެގަތުމަށް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓު ކިޓުތައްވެސް އުފެއްދުމުގެ މަސައްކަތް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

އަދި މިފަދަ ކިޓުތައް ބޭނުންކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ދިންހާ އަވަހަކަށް އެތަކެތި ރާއްޖެއަށް ގެނެސް ބޭނުން ކުރަން ފަށާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ޢަމަލުކުރަމުން ދަނީ ސީދާ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ގައިޑުލައިނާ އެއްގޮތަށެވެ.