ޚަބަރު

މިދިޔަ އަހަރުގެ ނިޔަލަށް 4144 ދަރިވަރަކަށް ލޯނާއި ސްކޮލަޝިޕްގެ އެހީތެރިކަން ފޯރުކޮށްދީފައިވޭ - ރައީސް


މިދިޔަ އަހަރުގެ ނިޔަލަށް 4144 ދަރިވަރަކަށް ލޯނާއި ސްކޮލަޝިޕްގެ އެހީތެރިކަން ފޯރުވައިދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާއިން، ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ސަރުކާރުން ފަހިކޮށްދީފައި ނުވާހާ ތަނަވަސް ފުރުޞަތުތަކެއް މިދިޔަ އަހަރު ފަހިކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް ވިދާޅުވީ ސަރުކާރުން ފަށާފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރުގެ ނިޔަލަށް 5000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަކަމަށެވެ. އެގޮތުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ އުޞޫލްގެ ދަށުން 35 މިލިޔަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފައެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ އަހަރު ވަނީ 156 މިލިޔަނެއްހާ ރުފިޔާ ޚަރަދުކުރުމަށް ކަނޑައަޅާފައެވެ. މީގެ އިތުރުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަޔަރ އެޑިއުކޭޝަން ލޯން ސްކީމުގެ ދަށުން، 4144 ދަރިވަރަކަށް، މިދިޔަ އަހަރު ލޯނާއި ސްކޮލަޝިޕްގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު މިފަދައިން ފާހަގަކުރެއްވިއިރު ވޭތުވެދިޔަ އަހަރު ސަރުކާރުން ވަނީ ސްޓޫޑެންޓް ލޯން ފޯރުކޮށްދިނުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާދީފައެވެ. މިގޮތުން ލޯން ދައްކަންޖެހޭ މުއްދަތާއި އިންޓްރެސްޓް ކުޑަކުރުން ފާހަގަކޮށްލެވެއެވެ.

އަދި ބޭނުން ޤައުމަކަށް ލޯންގެ އެހީގައި ކިޔަވަންދެވޭނެ ގޮތްވެސް ވަނީ ހަމަޖައްސަވާފައެވެ. އަދި މިއަހަރަށް ދަޢުލަތުން ކަނޑައެޅި ބަޖެޓުގައި ވަނީ ލޯނު ސްކީމަށާއި ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަރޝިޕްތަކަށް 750 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

މަތީ ތަޢުލީމްގެ އިތުރުން ޘާނަވީ ތަޢުލީމާ ހަމަޔަށް ކިޔަވާ ދަރިވަރުންނަށް ނާސްތާ ޕްރޮގްރާމް ކުރިއަށްގެންދިޔަކަން ފާހަގަކުރައްވާ ރައީސް ވަނީ މި ޕްރޮގްރާމްވެސް ފުރިހަމައަށް ހިންގޭނީ، ހުރިހާ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރެވިގެންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓްގެ މައްޗަށް ބިނާކޮށް، 3 އަހަރު ދުވަހުގެ ޕްލޭނެއް ހަދައި ތަންފީޒު ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ވަނީ ޓިވެޓް ތަމްރީނުތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި، ފެންވަރު ރަނގަޅު ޓިވެޓް ސެންޓަރުތަކެއް ހެދުމަށް ބަޖެޓުގައި ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މާލެއާއި ފުވައްމުލައް ސިޓީގައި ސްޓޭޓް އޮފް ދި އާޓް ޓިވެޓް އިންސްޓިޓިއުޝަންތައް ޤާއިމްކުރުމަށް 27 މިލަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އީޖާދީ ގޮތްތަކުގެ ބޭނުން ހިފައިގެން ވިޔަފާރިއާއި މަސައްކަތް ހޯދަން ދަންނަ ޖީލެއް އުފެއްދުމަށްޓަކައި، ދަރިވަރުންނާއި ޒުވާނުން ޓެކްނޮލޮޖީ އާއި ސައިންސަށް އަހުލުވެރި ކުރުވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ޤައުމީ މަންހަޖަށް ސްޓެމްގެ މާއްދާތައް ތަރައްގީކޮށް، ޕްރައިމަރީ ސްކޫލުން ފެށިގެން ކޯޑިން ދަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށާނެކަން ފާހަގަކުރައްވާފައެވެ.