ޚަބަރު

މިއަހަރު ފުރަތަމަ ދައުރުގައި 56 ބިލެއް ސަރުކާރުން މަޖިލީހަށް ހުށައަޅާނެ: ރައީސް


މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި 56 ބިލެއް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޤަޞްދުކުރައްވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާދެއްވުށްފަހު ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ސަރުކާރުން ޤަޞްދުކުރާ ބިލްތަކުގެ ތެރޭގައި ހިމެނެނީ މިހާރު ޢަމަލުކުރަމުން އަންނަ ބައެއް ޤާނޫނުތައް އިޞްލާޙްކުރުމަށް ހުށަހަޅާ 32 ބިލަކާއި، މުޅިން އަލަށް އުފައްދާ ޤާނޫނުތަކާ ބެހޭ 24 ބިލެއް ކަމަށެވެ.

ދިވެހި ރައްޔިތުންނަށް ކުރެވޭނެ އެންމެ އުފާވެރި އިޙްސާސަކީ، ހަމަޖެހުމާއި ޞުލްޙަވެރިކަން ދިވެހިންގެ ތެރެއަށް އަލުން އަނބުރާ އަންނަން ފެށުމުގެ އިޙްސާސްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ނިމިގެން ދިޔަ 2019 ވަނަ އަހަރަކީ، ޑިމޮކްރެސީގެ ދަތުރުގައި ކާމިޔާބު އަހަރެއް ކަމަށެވެ.

ރައްޔިތުން ދެއްކި މިސްރާބަށް، ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރުމުގައި، ސަރުކާރަށާއި އެމަނިކުފާނަށް ލިބުނު އެންމެ މުހިންމު ބައިވެރިއަކީ، ރައްޔިތުންގެ މަޖިލީސް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

"ހެޔޮ ވެރިކަމަކަށް މަގު ކޮށުމަށްޓަކައި، ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހުނު ބަދަލުތައް، މި މަޖިލީހުގެ ތެރެއިން ގެނެވުމަކީ، އަޅުގަނޑުމެން މިއަދު މި ދެކޭ އިޖްތިމާޢީ ޞުލްޙަވެރިކަމުގެ ޙަޤީޤީ ސިއްރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިވީ އަށެއްކަ މަސް ދުވަހުގެ ތެރޭގައި، ރައްޔިތުންނަށް ފެނިގެން ދިޔައީ، ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތްކޮށް، އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ، ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއް ކަމުގައެވެ.

"ޑިމޮކްރެސީގެ މި އުޞޫލުތައް ނެގެހެއްޓުމުން، އެކަމުގެ ހުރިހާ ލާބަޔަކާއި މަންފާއެއް ލިބޭނީ ޢާންމު ރައްޔިތުންނަށް. ދައުލަތުގެ ކޮންމެ ބާރެއްވެސް، ދުސްތޫރީ އިމުގެ ތެރޭގައި، އެބައެއްގެ މަސައްކަތަށް އެބަޔަކު ސަމާލުކަން ދޭނަމަ، ރައްޔިތުންނަށް ލިބޭ ލާބަޔާއި މަންފާ މިހާރަށް ވުރެ އަދި މާ އިތުރުވާނެ.،" ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 49 ބިލެއް ފޮނުއްވި އެވެ. އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މިހާތަނަށް ވަނީ، 27 ބިލެއް ފާސްކޮށްފައެވެ.