ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް މަގުފަހިވާނީ އިންސާފު ލިބުން ލަސްވާތީ - ރައީސް


ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ލާ އިންސާނީ އަމަލުތަކަށް މަގު ފަހިވި އެންމެ ބޮޑު އެއް ސަބަބަކީ އެ ކުށްތަކުގައި ތުހުމަތުކުރެވޭ ބައެއް މީހުންގެ މައްސަލަތައް ޝަރުއީ މަރުހަލާއިން ނުނިމި ލަސްވުމާއި ދައުލަތުގެ ބައެއް އިދާރާތަކުން އެ ފަދަ މައްސަލަތަކުގައި އިހުމާލުވުމުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާވެއްޖެއެވެ.

މިއަހަރުގެ ތިން ވަނަ ދައުރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދެއްވުމަށްފަހު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޝަރުޢީ ކޯޓުތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިހުމާލުގެ ސަބަބުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ނުނިމި ދިގުލައިގެންދާ ކޮންމެ ހިނދުކޮޅަކީ، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަނެ، އެކުދިންނަށް ގޯނާކުރާ ފަރާތްތަކަށް ލިބޭ ހިތްވަރެއް ކަމަށް ވިދާޅުވެފައިއެވެ.

"މިދިޔަ މަހެއްހާ ދުވަސް އަޅުގަނޑުމެން މި ހޭދަކުރީ، ވަރަށް ހިތްދަތި އިޙްސާސްތަކެއްގެ ތެރޭގައި. ޢުމުރުން އެންމެ ދެ އަހަރުނުވާ މަޢުޞޫމް ތުއްތު އަންހެން ކުއްޖަކަށް، އެކުއްޖާއަށް އެންމެ އިތުބާރު ކުރެވޭ މަޤާމުގައި ތިބި ބަޔަކު، ލާއިންސާނީ ގޮތެއްގައި ޖިންސީ ގޯނާކުރުމުގެ ހިތާމަވެރި އިޙްސާސްތައް. އެކަމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބަކީ، ތުހުމަތުކުރެވޭ ބައެއް މީހުންނާ، ޢަދުލު އިންޞާފު އަރައި ހަމަނުކުރުން. އަދި ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުން،" ރައީސް ވިދާޅުވިއެވެ.

މި މޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން، ދަޢުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން، 2012 ވަނަ އަހަރުން ފެށިގެން ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަވެސް ނުނިމި އަދިވެސް އެބަހުރި ކަމަށް ފާހަގަ ކުރައްވާފައިއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް މިމަހު 20 ގައި ޢަމަލުކުރަން ފެށުމުން، ޖިންސީ ގޯނާތަކާއި އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެ ޤާނޫނު މި ސަރުކާރުން ފާސްކޮށްފައި ވަނީ ކުރީގެ ސަރުކާރުތަކުން މި ޤާނޫނު ފާސްކުރުމުގެ ވާހަކަ ދައްކާތާ، ދިގު 28 އަހަރަށް ފަހުގައިކަންވެސް އެމަނިކިފާނި ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނުހައްދައި، ވެކްސިން ނުޖަހައި އަދި ދަރިން ސްކޫލަށް ނުފޮނުވައި ގެންގުޅުމަކީ، މިހާރު ތަޞްދީޤުކޮށްފައި އޮތް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ބަލާއިރުވެސް، މައިންބަފައިންނަށް އޮތް އިޚްތިޔާރެއް ނޫން ކަންވެސް އެމަނިކުފާނު ހާއްސަ ގޮތެއް ފާހަގަ ކުރެއްވި އެވެ. އެހެން ކަމުން އެފަދަ ކުދިން ތިބިތޯ ބަލައި، އެކުދިންނަށް ވެކްސިން ދީ، ސްކޫލަށް ފޮނުވުމުގެ ކަންތައް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.