ޚަބަރު

ކޯޓުތަކުގައި ގިނަދުވަސް ވެފައިވާ މައްސަލަތަކުގެ ތަފްސީލް ޖޭއެސްސީން ހޯދަނީ


ޝަރީޢަތުގެ އަޑުއެހުން ބޭއްވިފައިނުވާތާ އެއް އަހަރުވެފައިވާ މައްސަލަތަކުގެ ޢަދަދާއި އެމައްސަލަތަކުގެ ތަފްޞީލް ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ދެންނެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.

އެކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ގިނަ ޢަދަދަކަށް މައްސަލަ ލަސްވާކަމުގެ ޝަކުވާ އެކޮމިޝަނަށް ލިބެމުންދާކަމަށެވެ. މިއާއެކު ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް އަވަސް ކުރުމަށްޓަކައި، އެއް އަހަރު ދުވަހަށްވުރެ ގިނަ މުއްދަތަކަށް ޝަރީޢަތުގެ އަޑުއެހުން ބޭއްވިފައިނުވާ މައްސަލަތައް ދެނެގަނެ އެމައްސަލަތަކާއި ޢަދަދުތައް އަދި ތަފްޞީލް ހޯދުމަށް ޑީޖޭއޭގައި
ދެންނެވުމަށް އެކޮމިޝަނުގެ ޖަލްސާއިން ނިންމާފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.

ކޯޓުތަކުގައި ބައެއް ބާވަތްތަކުގެ މައްސަލަތައް ނުނިމި ލަސްވާކަމުގެ ޝަކުވާއަކީ ޝަރުޢީދާއިރާގައި ހުރި ކަންބޮޑުވާ މައްސަލަތަކެއްގެ ގޮތުގައި އެކިފަރާތްތަކުންވަނީ ފާހަގަކޮށް އެކަމުގެ ކަންބޮޑުވުންތައް އެކި ޕްލެޓްފޯމްތަކުގައި ހުށައަޅަމުންނެވެ. އެގޮތުން ޖިންސޯ ގޯނާގެ މައްސަލަތާކާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތައް ލަސްވުމަކީ އެތައްބަޔަކު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޝަރީޢަތުގެ އަޑުއެހުން ބޭއްވިފައިނުވާތާ އަހަރުވެފައިވާ މައްސަލަތަކުގެ ތަފްސީލު ހޯދުމަށް ޖޭއެސްސީން ހުށައަޅާފައިވާއިރު، ބައެއް ކޯޓުތަކުން ޝެޑިއުލް އެކުލަވާލައި ވަކި މުއްދަތެއްގެ ތެރޭގައި އެފަދަ މައްސަލަތައް ނިންމުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.