މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލައްވާ އިއުލާނުކުރެއްވި މަޝްރޫޢުގެ ސަބަބުން ފަލަސްޠީނުގެ ސަރުކާރުން އެމެރިކާއާއި އިސްރާއީލާއެކު އޮންނަ ހުރިހާ ގުޅުމެއް ކަނޑާލައިފިއެވެ.
މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމުގެ ނަމުގައި އިސްރާއީލަށް މޮޅުގޮތްވާގޮތަށް ޓްރަމްޕް ހުށަހެޅުއްވި މަޝްރޫޢާ ގުޅޭގޮތުން މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި ޢަރަބި ލީގުގެ ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސް ވިދާޅުވީ އެމަޝްރޫޢުގެ ސަބަބުން ފަލަސްޠީނުން ކަނޑާލި ގުޅުންތަކުގެ ތެރޭގައި ސަލާމަތީ ކަންކަމާގުޅޭގޮތުން ޤާއިމުކޮށްފައިވާ ގުޅުންތައްވެސް ހިމެނޭކަމަށެވެ. އަދި އެކަން މިހާރު އިސްރާއީލާއި އެމެރިކާއަށް އަންގާފައިވާނެކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޓްރަމްޕުގެ ނާއިންސާފު މަޝްރޫޢު އެއްވެސް ޙާލެއްގައި ފަލަސްޠީނުން ޤަބޫލުނުކުރާނެކަމަށާއި އެމަޝްރޫޢުއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ރައީސް ކުރެއްވި ފޯނުކޯލަށްވެސް ޖަވާބު ދެއްވާފައިނުވާނެކަމަށެވެ. ޢައްބާސް ވިދާޅުވީ ޓްރަމްޕާއެކު މަޝްވަރާ ކުރިކަމަށް ބުނާނެ ފުރުޞަތެއް ދޭން ބޭނުން ނުވާކަމަށެވެ.
ޓްރަމްޕުގެ ހުށަހެޅުއްވުމުގައިވަނީ އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ކަނޑައެޅުމާއި އެޤައުމުގެ ބާރުގެދަށަށް މުސްލިމުންގެ މުޤައްދަސް އަޤްޞާ މިސްކިތް ގެންދިއުމާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޤަރާރުތަކާ ޚިލާފަށް އަޅާފައިވާ ޔަހޫދީ އާބާދީތަކަކީ އިސްރާއީލުގެ ރަސްމީ ބިންތަކެއްކަމަށް ކަނޑައެޅުމެވެ. މީގެ އިތުރުން ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް އުފައްދާ އެޤައުމުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކައިރީގައި އޮންނަ އަބޫ ދިސްކަމަށް ކަނޑައެޅުމަށްވެސް ޓްރަމްޕް ހުށަހަޅުއްވާފައިވެއެވެ.