ޚަބަރު

ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި ކާފަ އާއި މުނިކާފަގެ ބަންދަށް އަނެއްކާވެސް 15 ދުވަސް


ގއ.ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކުއްޖާގެ ކާފައާއި މުނިކާފަގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ކޯޓުން އިތުރުކޮށްދީފިއެވެ.

މި މައްސަލައިގަ ހައްޔަރު ކުރި އުމުރުން 62 އަހަރުގެ މީހާއާއި 81 އަހަރުގެ މީހާ ހައްޔަރުކުރުމަށް ފަހު އެންމެ ފުރަތަމަ 15 ދުވަސް އިތުރުކުރީ މިދި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި މިއަދު އެ މުއްދަތު ހަމަވާއިރު އަނެއްކާވެސް އިތުރު 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުނީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ކްރިމިނަލް ކޯޓަށް ހުށައެޅުމުންނެވެ.

ޖިންސީ އަނިޔާގެ ޝިކާރައަކަށް ވި ދެ އަހަރުގެ ތުއްތު ކުއްޖާ މިވަގުތު ހުރީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާތަކާއި ޝަރުއީ ދާއިރާއިންވެސް ދަނީ މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި އެ މައްސަލަތަކުގެ ތަޙްޤީޤުތައް އަވަސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.