ވިޔަފާރި

"އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައިފި


ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑް ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

ބީއެމްއެލްއިން ބުނީ މިދިޔަ އަހަރާ އެއްގޮތަށް މިއަހަރުވެސް ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައިވާކަމަށެވެ. މި ގޮތުން ކޮންމެ ކުއާޓަރއެއްގައިވެސް 5 ޕްރޮޖެކްޓް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކުއާޓަރގެ ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 15 ފެބްރުއަރީ 2020 ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މި ފަންޑާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ފާއިތުވެދިޔަ އަހަރު ބީއެމްއެލް މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް ފުޅާކޮށްފައިކަމަށާއި ކޮމިއުނިޓީ ފަންޑުގެ އެހީގައި 20 ރަށަކަށް އެހީތެރިކަން ފޯރުކޮށްދެވިފައި ވާކަމަށެވެ.
އަދި މި ފަންޑު މިއަހަރުވެސް ކުރިޔަށް ގެންދިޔުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ފައިދާ ކުރާނެ ކަމެއް ކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

2019 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޕްރޮޖެކްޓް ހިންގުމަށް 1 މިލައަން ރުފިޔާ ހޭދަކޮށްފައެވެ. މިގޮތުން ނެއްލައިދޫ ކޮމިއުނިޓީ ޕާކާއި، ދ. މާއެނބޫދޫގެ ސްކޫލު ލައިބްރަރީ ތަރައްގީކުރުމާއި، އއ. ދަނގެތި އަދި ށ. ފޭދޫގައި ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމާއި، ކިހާދޫގައި ކުޑަކުދިންގެ ޕާކެއް ގާއިމްކުރުމާއި ކ. ގާފަރުގައި ސެން ކްލާސްރޫމެއް ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓްތައް ވަނީ ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސްފައެވެ.