ޚަބަރު

ކެންސަރު ޖެހިގެން އެވްރެޖުކޮށް މަހަކު 53 މީހުން އައިޖީއެމްއެޗުގައި ރެޖިސްޓްރީކުރޭ


އައިޖީއެމްއެޗްގައި 2018ވަަނަ އަހަރު ހުޅުވި އޮންކޮލޮޖީ ޑިޕާޓްމަންޓްގެ ތަފާސް ހިސާބަށް ބަލާއިރު، އެވްރެޖްކޮށް ކޮންމެ މަހަކު ކެންސަރު ބަލީގެ 53 މީހުން އެ ޑިޕާޓްމަންޓުގައި އަލަށް ރެޖިސްޓްރީކޮށް ފަރުވާހޯދަމުންދާކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ޝިޔާމް މިހެން ވިދާޅުވީ، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއިން ކުރިއަށްގެންދާ "އޮންކޯ ސްޕެކްޓްރާ އެޑިޝަން 2" ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ އަލީ ޝިޔާމް ވިދާޅުވީ އެންމެ މުހިންމީ މި ބަލިން ރައްކާތެރިވުމަށް، ދިރިއުޅުމުގެ އާދަތަކުގެ ތެރެއިން ކެންސަރަށް މަގުފަހިވާ ކަންކަމުން ދުރުވަށެވެ.

އެސްޓީއޯއިން ބާއްވާ "އޮންކޯ ސްޕެކްޓްރާ އެޑިޝަން 2" އަކީ ރާއްޖޭގައި ކެންސަރު ބައްޔަށްދޭ ފަރުވާ ފުޅާކުރުމާއި، އަދި މިކަމަށް އާއްމުންންނާއި ސިއްހީ އެހީތެރިންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މިފަދަ ދެވަނަ ފޯރަމެވެ.

މި ފޯރަމް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމް ވިދާޅުވި ރާއްޖޭގައި ކެންސަރ ބަލީގެ ފަރުވާ ދޭންފެށުމާއިއެކު އޭގެ ލުއި ވަރަށް ބޮޑަށް އާއްމު ރައްޔިތުންނަށް ލިބެން ފަށާފައި ވާކަމަށެވެ. މާލީގޮތުންނާއި، ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް އުފުލާ ތަކުލީފާއި އަދި ނަފްސާނީގޮތުން ލިބޭ ގެއްލުންވެސް މިކަމުގެ ސަބަބުން ކުޑަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ތިބި ކެންސަރުގެ ބަލި ތަޙައްމަލުކުރާ މީހުންގެ ސީދާއަދަދު މިހާތަނަށް ޔަގީން ކުރެވިފައި ނެތްކަމަށެވެ.

"ހުޅުމާލޭގައި 2017ގައި ހުޅުވި ކެންސަރ ސެންޓަރުން މިބައްޔަށް މިހާތަނަށް 610 މީހުން ފަރުވާ ހޯދާފައިވެއެވެ. އަދި އައިޖީއެމް ހޮސްޕިޓަލްގެ ސެންޓަރުގައި އެވަރެޖްކޮށް 53 މީހުން މި ބަލި ޖެހިގެން މަހަކު އެބަ ރެޖިސްޓަރވޭ." މިނިސްޓަރ ވިދާޅުވިއެވެ.

"އޮންކޯ ސްޕެކްޓްރާ އެޑިޝަން 2"ގައި ރާއްޖެއަށް ކެންސަރ ފަރުވާގެ ބޭހާ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭ އެސްޓީއޯ އާއި، އައިޖީއެމް ހޮސްޕިޓަލް، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އަދި ހުޅުމާލެ ހޮސްޕިޓަލާއި ދާއިރާގެ އިތުރު ފަރާތްތަކުން ބައިވެރިވެއެވެ.

ފޯރަމް ފެއްޓުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވީ ބަލީގެ ޕޭޝަނުންޓުންނަށް ދޭ ފަރުވާއާއި އެއްގޮތަށް، ބައްޔަށް މީހުން ހޭލުންތެރިކޮށް، ބަލި ޖެހުމުގެ ކުރިން އެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން މުހިންމުކަމަށެވެ. ޚާއްސަކޮށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލު ގެންނަން ޖެހޭކަން އޭނާ ފާހަގަކުރިއެވެ.

"ކެންސަރުުގެ ވާހަކައަކީ ނުދައްކާ އޮތް ވާހަކައެއްގެ ގޮތުގައި އޮތް އެތުން ދޫކޮށްލަންޖެހޭ. ދާއިރާއިން ހަދާ ދިރާސާތައް އިތުރުކުރުން މުހިންމު. މިއީ ކޮންމެ މާޙައުލެއްގައި ދެއްކޭ އެންމެން ހޭލުންތެރިކަމަކަށް ހަދަންޖެހޭ." އަމްރު ވިދާޅުވިއެވެ.

މި ފޯރަމްގައި ރާއްޖޭގައި މި ބައްޔަށް ދޭ ފަރުވާތަކާއި، ދާއިރާ ކުރިއެރުވިދާނެ ގޮތްތަކާއި، އަދި ބަލި ތަޙައްމަލް ކުރާ މީހުން މީހުންނަށް ނަފްސާނީ ފަރުވާ ދިނުމާއި، އަދި އެމީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ދެވޭނެ ކަންކަމަށް މަޝްވަރާ ކުރާނެއެވެ.

މި ފޯރަމް 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެއެވެ. ފޯރަމްގައި ޑޮކްޓަރުންނާއި ނަރުހުންނާއި އަދި ސްކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ މުހިންމުކަމާއި ގުޅޭގޮތުން ސްކޫލް މެނޭޖްމަންޓަށް މަޢުލޫމާތު ދިނުންވެސް އޮންނާނެއެވެ. ފޯރަމްގެ އެކި ސެޝަންތަކުގައި ދުއިސައްތައެއްހައި މީހުން ބައިވެރިވެއެވެ.