ވިޔަފާރި

20 މިލިއަން ރުފިޔާއާއެކު އެސް.އެމް.އީ އިނޮވޭޝަން ފަންޑް އިފްތިތާޙުކޮށްފި


ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކުން ކުރިއަށްގެންދާ އުފެއްދުންތެރިކަމުގެ މަސައްކަތްތަކަށް އެހީތެރިވުމަށް ޚާއްސަ ފަންޑެއް އިފްތިތާޙުކޮށްފިއެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓު ކޯޕަރޭޝަނުން، އެމް.އެފް.އެމް.ސީން އެސް.އެމް.އީ އިނޮވޭޝަން ފަންޑަކީ އީޖާދީ މަސައްކަތްތައް ކުރިއެރުވުމުގެ ބޭނުމުގައި 20 މިލިއަން ރުފިޔާއާއެކު އިފްތިތާޙުކުރި ފަންޑެކެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓު ކޯޕަރޭޝަނުން، އެމް.އެފް.އެމް.ސީ އިފްތިތާޙުކުރި މި ފަންޑަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އައު އީޖާދުތަކާއި، ހިދުމަތްތައް ތައަރަފްކުރުމަށް ބާރުއަޅާ، މިފަދަ ފަރާތްތަކުގެ ވިޔަފާރިތަކަށް ބޭނުންވާ މާކެޓް ހޯދާނެ ގޮތްތަކާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ލޯންޗުކުރި ފަންޑެކެވެ.

ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިފަންޑު އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒު އިސްމާއިލްއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިއީ އެސްއެމްއީތަކަށް ހަމައެކަނި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވުރެ ބޮޑު ދައުރެއް އަދާކުރާނެ ފަންޑެއްކަމަށެވެ. އަދި އިޤްތިސާދު ކުރިއެރުވުމަށްޓަކާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން މުހިންމުކަމަށާއި، މިފަންޑު ވެގެންދާނީ އެސްއެމްއީތައް ފުޅާކުރުމަށް އެހީތެރިވާނެ ފަންޑެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ 20 މިލިއަން ރުފިޔާއިން މި ފަންޑް ފެށި ކަމުގައިވިޔަސް އަމިއްލަ ވިޔަފާރިވެރިންގެ އެހީއާއެކު ފަންޑް އިތުރުވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަންޑުކުރަން ހުޅުވާ ފަންޑެއް ނޫން. އެކަން އަޅުގަނޑުމެން ކުރާނީ އެސްޑީއެފްސީ، ނުވަތަ އެސްއެމްއީ ބޭންކު މެދުވެރިކޮށް. މިފަންޑުގެ ބޭނުމަކީ ހާއްސަ ކަންކަމަށް އިނޮވޭޓިވް އައިޑިއާސް، އެއީ ވިޔަފާރީގެ ގޮތުން ވިޔަސް ނުވަތަ އަޅުގަނޑުމެންގެ އިޤްތިސާދަށް ނުވަތަ ސޮސައިޓީއަށް ބޭނުންވާ ބައެއް ކަންކަމަށް އިނޮވޭޓިވް އައިޑިއާސް ގެނެސްދޭ ކަންތައްތަކަށް ފަންޑުކުރަން މިގަސްތުކުރަނީ." ފައްޔާޒް ވިދާޅުވިއެވެ.

މި ފަންޑް މެދުވެރިކޮށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި، ޓެކްނޮލޮޖީ، ޓޫރިޒަމް ސިނާއަތަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް، ސިއްހީ ހިދުމަތްތައް، ދަނޑުވެރިކަމާއި ބެހޭ ދާއިރާ، ވެށި ހިމާޔަތްކުރުން، އާޓްސް އެންޑް ކްރާފްޓް ހިމެނެއެވެ. އަދި މާލީ މުއާމަލާތްތައް ކުރުމަށް ބޭނުންވާނެ ޓެކްނޮލޮޖީ ތަރައްޤީކުރުމަށްވެސް މިފަންޑުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވާނެއެވެ. މިފަންޑުގެ ތެރެއިން އެސްއެމްއީތަކަށް އެހީތެރިވަނީ ފެބްރުއަރީ، މޭ، އޮގަސްޓް އަދި ނޮވެންބަރުމަހުއެވެ.

އެސް.އެމް.އީ އިނޮވޭޝަން ފަންޑް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމް.އެފް.އެމް.ސީން ވަނީ މޯލްޑިވްސް އިނޮވޭޝަން ކުއެސްޓުގެ ނަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާޢްސަކޮށް ބާއްވާ މުބާރާތެއްވެސް ވަނީ ލޯންޗުކޮށްފައެވެ. މިމުބާރާތުގައި ބައިވެރިވާ އެސްއެމްއީތަކުގެ ތެރެއިން ޓެކްނޮލޮޖީގެ ގޮތުންނާއި އެހެން ގޮތް ގޮތުން އެންމެ ފާހަގަކުރެވޭ އުފެއްދުންތައް ހުށަހަޅާ ފަރާތަކަށް މާރޗުމަހު ދުބާއީގައި ބާއްވާ ޓެކްނޮލޮޖީ އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

އެސް.އެމް.އީ އިނޮވޭޝަން ފަންޑް އިފްތިތާޙުކުރި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެމްއެފްއެމްސީ އަކީ ސަރުކާރުން އުފައްދާފައިވާ 100 ޕަސަންޓު ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ އެކި ސިނާޢަތްތަކުގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓް ކުރެވޭފަދަ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން އުފައްދަވާފައިވާ ކުންފުންޏެކެވެ.