ޚަބަރު

ވޫހާންގައި ތިބި ދިވެހިން ކަރަންޓީނު ކުރާނީ އިންޑިއާގައި: ފޮރިން މިނިސްޓަރ



ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެ ޤައުމުގެ ވޫހާން ޕްރޮވިންސްގައި ތިބި ދިވެހިން ކަރަންޓީން ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގައި ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓރަ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޫހާންގައި ތިބި 7 ދިވެހިން ގެންދާނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށްކަމަށާއި، އެމީހުން ގެންދާނީ އެއަރ އިންޑިއާގެ ޚާއްޞަ ފްލައިޓެއްގައި ކަމަށެވެ. އަދި ވަކި މުއްދަތެއް ވަންދެން އެމީހުން އިންޑިއާގައި ކަރަންޓީނު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ އެއާ އިންޑިއާގެ ޚާއްސަ ފްލައިޓް މިހާރު ދަނީ އިންޑިއާއަށް ދަތުރު ކުރަމުންކަން ފާހަގަ ކުރައްވާފައެވެ.

އެއާއިންޑިއާގެ މިޚާއްސަ ފްލައިޓް މިއަދު 9:10ގައި ދިއްލީ އެއާޕޯޓުގައި ޖައްސާނެއެވެ.

އިންޑިއާއިން މިކަމުގައި ވެދެއްވި އެހީތެރިކަން ފާހަގަކޮށް މިނިސްޓަރ ޝާހިދު ވަނީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިޔަމް ޝަންކަރުގެ އިތުރުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.

ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ކުރެއްވި ޓުވީޓު --

އަދި މިނިސްޓަރ ވަނީ މީގެއިތުރުން ޗައިނާގެ ހޫބޭ ޕްރޮވިންސް ގެ ކަމާބެހޭ ފަރާތްތަކާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒަންގް ލީ ޖޮންގްގެ އިތުރުން ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު އަޒީމާއަށް ދެއްވި އެއްބާރުލުމަށް މިނިސްޓަރ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ..

މިކަމާ ގުޅީގެން ރާއްޖޭގައި ހުންނަ އިންޑީއާގެ އެމްބަސީން ވިދާޅުވީ ޗައިނާގައި ތިބި ދިވެހިން އިންޑިއާއަށް ގެންނަނީ އެ ޤައުމުގައި ތިބި 323 އިންޑިއާގެ ރައްޔިތުންނާއެކުކަމަށެވެ.

އިންޑިއާ އެމްބަސީން ކުރި ޓުވީޓް

ޗައިނާގެ ވޫހާން ސިޓީގައި 9 ދިވެހިން ދިރިއުޅެމުންދާއިރު މީގެކުރިން މިނިސްޓަރ ވަނީ އެ 9 މީހުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވަނީ 7 މީހުން ކަމަށެވެ. މުޅީ ޗައިނާގައި 69 ދިވެހިން ދިރިއުޅެމުންދެއެވެ. ސަރުކާރުންވަނީ ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންނށް މާލީ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.