ޚަބަރު

މާސްކް ބޭނުމެއް ނޫން މިކަންކަމަށް ސާމަލުކަން ދީ


ކޮރޯނާ ވައިރަހުގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާއިރު، މި ބައްޔަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމެވެ. އެގޮތުން މި ބަލިން ރައްކާތެރިވެ މި ބަލި ރާއްޖެ އެތެރެވެ ފެތުރުނަ ނުދިނުމަށް ސަރުކާރާއި ކަމާއި ގުޅޭ ވުޒާރާތަކުން މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މި ފިޔަވަޅުތަކާއި އެކު ކޮނެމް މީހެއްގެވެސް ފަރުދީ ޒިންމާ ބޮޑު ދައުރެއް އަދާކުރެއެވެ. އެގޮތުން ބަލިތަކުން ރައްކާތެރިވުމަށް ތިމާއާއި ތިމާ ދިރިއުޅޭ ވެށި ތައްޔާރީ ޙާލަތަކަށް ގެނެސް އަބަދުވެސް ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަންދިނުން މުހިންމެވެ.

ޗައިނާއިން ފެނުނު ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ޤައުމުތަކުން ފެތުރެމުންދާތީ ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ މުޅިދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެެވެ. މިއީ މި ވައިރަސް މުޅި ދުނިޔެއަށް ފެތުރިދާނެކަމުގެ ބިރުއޮތުމުން ނެރުނު އެލަރޓަކަށްވާއިރު، މި ވައިރަހުން ރައްކާތެރިވުމަށްޓަކައި ފަރުދީ ގޮތުން އަދާކުރަންޖެހޭ ޒިންމާ ވަކި ކުޑައެއް ނޫނެވެ.

މިއީ އަލަށް ފެނުނު ބައްޔެއްކަމުން މި ބައްޔައް ވަކި ފަރުވާއެއް ނުވަތަ ވެކްސިނެއް އަދި ނެތެވެ. އަދީ ބަލީގެ ފެންނަ އަލާމަތްތަކާއި ފެތުރޭ ގޮތަކަށްވެސް ބައެއް ބަދަލުތައް ދަނީ އަންނަމުންނެވެ. އެހެންކަމުން މި ވައިރަސްއާ ގުޅޭ ސައްޙާ މަޢުލޫމާތު ހޯދުމާއި މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަމަށް ސަމާލުވުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅޭނެ އެންމެ މުހިންމު އެނެމް ހަރުދަނާ ފިޔަވަޅެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ރާއްޖެއިން އަދި ފެނިފައި ނުވިނަމަވެސް މި ވައިރަހަށް ރައްކާތެރިވުމަށްޓަކައި ރާއްޖެއިން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. މި ވައިރަސްގެ ބިރު މުޅި ދުނިޔެއަށްވެސް ބޮޑުވެފައިވާއިރު ދިވެހިންވެސް އަންނަނީ ދަނީ މިކަމަށް ތައްޔާރުވަމުންނެވެ. އެހެންނަމަވެސް މިކަމަށް ތައްޔާރުވުމުގެގޮތުން ބައެއް އާންމުން އަމަލުކުރަމުންދަނީ އެންމެ އެކަށީގެންވާ މަޢުލޫމާތު އެނގިގެން ހެނެއް ހިޔެއް ނުވެއެވެ. އަދި މިކަމުގައި ސޯސަލް މީޑިއާއި އެހެނިހެން ޕްލެޓް ފޯމްތަކުގައިވެސް އެމީހަކު ހިތަށް އަންނަ ގޮތަށް ބައެއް މައުލޫމާތު އަންނަނީ ހިއްސާކުރަމުންނެވެ. މީގެ އެއް މިސާލަކީ މި ބަލީގެ ނުރައްކާ ރާއްޖޭގައި އަދި ނެތްކަން ކަމާއި ބެހޭ އިދާރާތަކުން ހާމަކުރަން އަންނަ އިރުވެސް ފިހާރަތައް ކައިރީގައި މާސްކު ހޯދުމަށް ދަމާލާފައިވާ ބައެއް ކިއުތަކެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކައި ރޯގާގެ އަލާމާތެއް ނެތް މީހުން މާސްކް އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން އިލްތިމާސްކުރެއެވެ. އެގޮތުން މާސްކް އެޅުމަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

ކޮރޯނާވައިރަސް ނުވަތަ މި ބައްޔަކީ، ބަލިޖެހިފައިވާ މިހާގެ ބޮޑީ ފުލުއިޑުން ފެތުރޭ ބައްޔަކަށް ވާއިރު އެންމެ އިސްކަމެއް ދޭންޖެހޭނީ ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށެވެ. އެގޮތުން ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުރުމަށް ޓިޝޫ ފަދަ ތަކެތި ބޭނުންކުރަންޖެހޭއިރު އެފަދަ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. މީގެ އިތުރުން ކެއްސާ ކިނބިހިއެޅުމަށް ފަހު ހޭންޑް ސެނިޓައިޒާ ބޭނުންކޮށް އަތް ސާފުކުރުމަށް ސަމާލުވާންޖެހެއެވެ.

އެކި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮންނަން ސިއްޙީ މާހިރުން އަބަދުވެސް އިލްތިމާސްކުރަމުންދާއިރު، މިދުވަސްވަރު މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އެގޮތުން ކެއްކުމާއި ކެއުމުގެ ކުރިން އަތް ދޮންނަށް އާދަކުރާށެވެ. އަދި ޖަނަވާރުފަދަ ދިރޭތަކެތީގައި އަތްލުމަށް ފަހުވެސް ރަނގަޅަށް އަތް ދޮންނާނެށެވެ.

އަތް ދޮވުމުގެ އިތުރުންވެސް ތިމާ ދިރިއުޅޭ ވެށި ރައްކާތެރިކޮށް ސާފުތާހިރުކޮށް ބެލެހެއްޓުމަކީވެސް މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. މި ބައްޔަކީ ޖަނަވާރުގެ ޒަރިއްޔާއިންވެސް ފެތުރޭ ބައްޔެއްކަމުން، ކެއިން ބުއިމުގައި ބޭނުންކުރާ އެއްގަމު މަހާއި ބިސް ފަދަ ތަކެރި ރަނގަޅަށް ރޯފިލުވައިގެން ކެއުމަށް ސަމާލުކަން ދޭށެވެ.

މި ބަލި ޖެހުން އެންމެ ގާތީ ހުން އައިސް ކެއްސާ މީހުންނާއި ގައިގޯޅިވުމުން ނުވަތަ އެފަދަ މީހުންނާއި ކައިރީގައި އުޅޭ މީހުންނަށެވެ. އެހެންކަމުން މިފަދަ ބަލިމަޑުކަމެއް އުޅޭއިރު މީހުން ގިނަ ތަންތަނަށް ނުދިއުމަށްވެސް ހާއްސަ އިސްކަމެއް ދޭންޖެހެއެވެ. އަދި ހުން އައިސް ރޯގާ ޖެހިއްޖެނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދައްކާ އެފަރާތްތަކުގެ އެހީތެރިކަން ހޯދުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.