ޚަބަރު

ރާއްޖޭގެ ސްކޫލުތައް ބަންދުކުރަންޖެހޭ ހާލަތަކަށް އަދި ނުދޭ


ކޮރޯނާވައިރަސްގެ ސަބަބުން ސްކޫލްތައް ބަންދުކުރާ ޙާލަތަކަށް ރާއްޖެ ނުދާކަމަށް ޑރ. މޫސާ ހުސެއިން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ޕަލްމޮނޮލޮޖިސްޓް ޑރ.މޫސާ ޙުސެއިން ވިދާޅުވީ ކޮރޯނާވައިރަސް ފެތުރިދާނެކަމުގެ ބިރު ބޮޑުވެ، އާންމު ޚިދުމަތްދޭ ތަންތަނާއި ސްކޫލްފަދަ ތަންތަން ބަންދުކުރުމަށް ދުނިޔޭގެ ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުން މިހާތަނަށް އިރުޝާދު ދީފައި ނުވާކަމަށެވެ.

މިދުވަސްވަރު ސްކޫލްތަކަށް ދަރިން ނުފޮނުވާނެކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ޝުއޫރުތަކާ ގުޅޭގިތުން ވާހަކަދައްކަވަމުން ޑރ.މޫސާ ޙުސެއިން ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަސްގެ އަސަރު ހުރި މީހަކު ފެނިފައިނުވާއިރު ރާއްޖޭގެ ސްކޫލުތައް ބަންދުކުރަން ކޮންމެހެން ނުޖެހޭކަމަށެވެ. އަދި ރާއްޖެ އެފަދަ ޙާލަތަކަށް ގޮސްފިނަމަ އެކަން ކަމާބެހޭ ފަރާތްތަކުން ލަސްނުކޮށް އާންމުންގެ ސަމާލުކަމަށް ގެންނާނެ ކަމަށްވެސް ޑރ.މޫސާ ޙުސެއިން ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލްވަނީ ކޮރޯނާގެ ސަބަބުން ނޫންނަމަވެސް ރޯގާ ޖެހި ކުއްޖެއްގެ ގައިން ހުމުގެ އަލާމާތެއް ފެނިއްޖެނަމަ އެފަދަކުދިން ރަނގަޅުވަންދެން ގޭގައި ބައިތިއްބަން އިލްތިމާސްކުރައްވާފައެވެ. އަދި މިދުވަސްވަރު އެކި ކަހަލަ ބަލީގެ ސަބަބުން ދިފާޢީ ނިޒާމު ބަލިކަށިވުމާއި ނޭވާލާ ނިޒާމުގެ ބައްޔެއް ހުންނަ މީހެއްނަމަ އެންމެ ރަނގަޅު ގޮތަކީ މާސްކު އެޅުންކަމަށާއި އެނޫން މީހުން މާސްކުއެޅުމަށް ލަފާދޭ ޙާލަތެއް ނެތްކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހާއި އެނޫންވެސް ބަލިތަކުން ރާއްކާތެރިވުމުގެ ގޮތުން ގިނަގިނައިން އަތްދޮވުމަށާއި ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމަށްފަހު ބޭނުންކުރާ ޓިޝޫއާއި މާސްކު ފަދަ ތަކެއްތި ރައްކާތެރިގޮތުގައި ނައްތާލުމަށް ޑޮކްޓަރުންނާއި ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ. އަދި އަމިއްލަ ސާފުތާހިރުކަމަށާއި އުޅޭ މާހައުލު ސާފުކަންމަތީގައި ބެހެއްޓުމަކީވެސް ބަލިތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.