މިޞްރުގެ އާބާދީ ސަތޭކަ މިލިއަނަށް އަރައިފިއެވެ. އެޤައުމުގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން މިޞްރުގެ ވަޞީލަތްތަކާއި ވަޒީފާތަކަށް ބާރުބޮޑުވެއްޖެއެވެ. ޢަރަބި ޤައުމުތަކާއި އެފްރިކާގެ ޤައުމުތަކުގައި އާބާދީ އިތުރުވާ ނިސްބަތާމެދު އެޤައުމުތަކުގެ ސަރުކާރުތައްވަނީ ކަންބޮޑުވެފައެވެ.
މިޞްރު ހިމެނެނީ މައްސަލައިގެ ނާޒުކުކަން އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައެވެ. މިޞްރުގެ ބޮޑުބަޔަކީ ދިރުމެއް ނެތް ހަނަފަސް ސަހަރާއެވެ. އެޤައުމުގެ އާބާދީގެ ގާތްގަނޑަކަށް %97 މީހުން ދިރިއުޅެނީ ނީލަ ކޯރުގެ އައްސޭރި ފަށުގައިވާ ދަނޑުވެރި ބިންތަކުގައެވެ. ނީލަ ކޯރުގެ އައްސޭރި ފަށުގައިވާ ބިމުގެ ނިސްބަތަކީ މިޞްރުގެ ބިމުގެ އެންމެ %8އެވެ. އެހެންކަމުން އެބިންތަކުގައިވަނީ މީހުން ގިނަވެ ވަރަށް ބޮޑަށް ތޮއްޖެހިފައެވެ.
މިޞްރުގައި ހުންނަވާ އދގެ އާބާދީއާބެހޭ ޖަމްޢިއްޔާ ޔޫއެންއެފްޕީއޭގެ މަންދޫބު އެލެގްޒެންޑަރ ބޮޑިރޮޒާ ވިދާޅުވީ މިޞްރުގެ އާބާދީގައި ގިނައީ 29 އަހަރުން ދަށުގެ ޒުވާނުންކަމަށެވެ. އެގޮތުން އެޤައުމުގެ ކޮންމެ 10 މީހެއްގެ ތެރެއިން 6 މީހުންނަކީ 29 އަހަރުން ދަށުގެ އުމުރުފުރާގެ މީހުންކަމަށް އޭނާ ވިދާޅުވިއެވެ. އަހަރެއްގެ މައްޗަށް މިޞްރުގެ އާބާދީއަށް 2.5 މިލިއަން މީހުން އިތުރުވާކަމަށާއި އެކަމުގެ ސަބަބުން ސިޓީތަކުގެ ތޮއްޖެހުން އިތުރުވެ ޢާންމު ޚިދްމަތްތަކަށް ބާރުބޮޑުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިޞްރުގެ އާބާދީ އިތުރުވަމުންދާ ނިސްބަތް ދަށްކުރުމަށް މީހުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ގިނަ ދަރިން ހޯދުމާއި ބޮޑެތި އާއިލާތައް އުފެއްދުމުގެ ވިސްނުން ރަށްފުށުގެ ޢާންމުންގެ މެދުގައި ބޮޑުކަމުން އެކަން އެކަށީގެންވާ ގޮތެއްގައި ކާމިޔާބުވެފައެއްނުވެއެވެ.