ޚަބަރު

ކޮމަންވެލްތުގެ މެމްބަރުކަން ރާއްޖެއަށް އަލުން ލިބުމަކީ ޤައުމަށް ލިބޭ ވަރަށްބޮޑު ފަޚުރެއް: ރައީސް


ކޮމަންވެލްތުގެ މެމްބަރުކަން ރާއްޖެއަށް އަލުން ލިބުމަކީ ޤައުމަށް ލިބޭ ވަރަށްބޮޑު ފަޚުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ. ކޮމަންވެލްތުގެ ޢާއިލާއާ ރާއްޖެ އަލުން ގުޅުމުގެ މުނާޞަބަތުގައި ދެއްވެވި ޚާއްޞަ ބަޔާނެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި މިއަދަކީ ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރުކަން ލިބުނު ދުވަސްކަމުގައި ވާތީ މިއީ ޤައުމަށް ލިބޭ ވަރަށްބޮޑު ފަޚުރެއްކަމުގައި ވިދާޅުވެފައިވެއެވެ.

އަދި ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުމަކީ މި ސަރުކާރުން ރާއްޖޭގެ ވެރިކަމަށް އައުމުގައި ރައްޔިތުންނަށް ވެފައިވާ މުހިންމު ވަޢުދެއްކަން ފާހަގަކުރައްވައި ސަރުކާރު ދެމި މިއޮތީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައިކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމަންވެލްތުގެ ޢާއިލާއަކީ މިނިވަން 50 ޤައުމެއްގެ މައްޗަށް އެކުލެވޭ މުއްސަނދި ޘަޤާފަތްތަކާއި ތަރިކަތަކެއް ހިމެނޭ އަދި އިޤްތިޞާދީ ކުރިއެރުންތައްވެސް ތަފާތު ދާއިރާތަކުން ތަފާތު މިންވަރަށް ހޯދާފައިވާ ޤައުމުތަކެއް ހިމެނޭ ޢާއިލާއެއް ކަމަށާއި މި ޢާއިލާއިން ޤަބޫލުކުރާ ހަމަތަކަކީ މިހުރިހާކަމެއް އެކުލެވޭ ހަރާރޭ ޑެކްލަރޭޝަނުގައި ހިމެނޭ ހަމަތައްކަން އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ޑިމޮކްރަސީއާ އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި ސިޔާސީ،އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުންނާއި ފަރުދީގޮތުން ހަރަކާތްތެރިވުމުގެ މިނިވަންކަން އޮތުން މި އަގުތަކުގެ ތެރޭގައި ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ކޮމަންވެލްތުން ކުރިއަރުވާ ހަމަތަކަކީ ރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކުގައިވެސް ހުރި ހަމަތައްކަން ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި ވެސް ބަލާފައި ވަނީ އެ ހަމަތައް ކުރިއެރުވުމުގެ މައްޗަށްކަމުގައި މި ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ކޮމަންވެލްތުގެ އެހެން ޤައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތްކުރަމުން ގެންދާނީވެސް މި ހަމަތައް ކުރިއަރުވައި ދެމެހެއްޓުމުގައިކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

ކޮމަންވެލްތުން ފަހިކޮށްދޭ ތަޢުލީމުގެ ފުރުޞަތުތަކާއި ކުޅިވަރުގެ ދާއިރާއިން ފަހިކޮށްދޭ ފުރުޞަތުތަކަކީ ރާއްޖޭގެ ރައްޔިތުންނަށް ނުހަނު މުހިންމު އަދި ބައިނަލްއަޤްވާމީ މައިދާނުން ލިބޭ ފުޅާ ފުރުޞަތުތަކެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ޔޫތު ޕްރޮގްރާމުފަދަ ޕްރޮގްރާމްތަކަކީ 21 ވަނަ ޤަރުނުގެ ހުނަރުތައް ޒުވާނުންނަށް ލިބިދިނުމުގައި މުހިންމު އަދި ޤައުމުގެ ފަރުދުންނަށް ސީދާގޮތުން ފައިދާ ލިބެމުން އަންނަ ޕްރޮގްރާމްތަކެއްކަން ބަޔާން ކުރައްވާފައިވެއެވެ.