ޚަބަރު

ކޮރޯނާ ވައިރަސް ޖެހުމުގެ ފުރުޞަތު ބޮޑީ ވައިރަސް ހުރިމީހަކާއި ބައްދަލުވެފައިވާ މީހުންނަށް


ކޮރޯނާވައިރަސްގެ ކޮންޓެކްޓެއްކަމަށް ނުވަތަ އޭގެ އަސަރު ހުރެދާނެ މީހެއްކަމަށް ކަނޑައަޅަނީ ވައިރަސް ހުރި މީހަކާއި ބައްދަލުވެ 15 މިނިޓު ނުވަތަ ބަންދު ކޮޓަރިއެއްގައި 2 ގަޑިއިރު 3 ފޫޓަށްވުރެ ގާތުގައި ހޭދަކޮށްފައިވާ މީހުންކަމަށް ނޭވާލާ ނިޒާމުގެބަލިތަކަށް ޚާއްސަ ޑޮކްޓަރު ޑރ . މޫސާ ހުސެއިން ވިދާޅުވެއްޖެއެވެ. ޑރ. މޫސަ ވިދާޅުވީ އެއީ އެވައިރަހާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ސްޓޭންޑަރޑްކަމަށެވެ.

ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޕަލްމޮނޮޖޮލިސްޓް ޑރ. މޫސާ ހުސެއިން ވިދާޅުވީ މިއީ ވައިރަސްގެ ޒަރީއްޔާއިން ފެތުރޭ ބައްޔަކަށްވެފައި މިއީ ޢާއްމުކޮށް ޖެހޭ ރޯގާއެއް ފަދަ ރޯގާއެއްކަމަށެވެ. އެހެންނަމަވެސް އެހެން ރޯގާއެކޭ އެއްފަދައިން މީގެ ނުރައްކާ ބޮޑުވެފައިވަނީ ނޭވާލާ ނިޒާމުގެ ބައްޔެއް ހުންނަ މީހުންނާއި ދިފާޢީ ނިޒާމު ދެރަ ތުއްތުކުދިންނާއި ޢުމުރުން ދުވަސްވުމުގެ ސަބަބުން ދިފާޢީ ނިޒަމުގެ ބަލިކަށިވެފައިވާ މީހުންނަށް ކަމަށެވެ. މީގެއިތުރުން ތެލަސީމިއާ މީހުންވެސް މިބަލީގެ ރިސްކެޓަގަރީގައި ހިމެނޭކަމަށް ޑރ. މޫސަ ވިދާޅުވިއެވެ. އެހެންކަމުން މި ކެޓަގަރީތަކުގައި ތިބި މީހުން ހުރިހާ ވައިރަހަކުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޑރ.މޫސަ ވަނީ އިރުޝާދުދެއްވާފައެވެ.

ކޮރޯނާވައިރަހަކީ ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަނެއް ކަމަށާއި މިވައިރަސްގެ ސަބަބުން ފުރާނައަށް ނުރައްކާވަނީ އެންމެ 2 ޕަސެންޓު މީހުންކަން ފާހަގަކުރައްވާ ޑރ. މޫސަ ވިދާޅުވީ ވައިރަސްގެ ހުރި މީހަކާއި ދިމާވި މީހެއްކަމަށް ނުވަތަ ވައިރަސްގެ ކޮންޓެކްޓެއްކަމަށް ކަނޑައާޅަނީ އެމީހަކާއި ދިމާކުރިމަތީގައި 15 މިނިޓު ނުވަތަ 2 ގަޑިއިރު 3 ފޫޓަށްވުރެ ގާތުގައި ހޭދަކޮށްފައިވާ މީހެއްކަމުގައި ވާނަމައެވެ. އަދި މިއީ މިކަމުގައި ދުނިޔެގެ ހުރިހާ ހިސާބަކުން ޢަމަލުކުރަމުންދާ ޑަބްލިއުއެޗްއޯގެ ގައިޑްލައިނެއްކަން ޑރ. މޫސަ ފާހަގަކުރެއްވިއެވެ.


އަދި ކޮރޯނާ ވައިރަސްއަށް ދޭ ފަރުވާއާއި ގުޅޭގޮތުން ޑރ.މޫސަ ވިދާޅުވީ ރާއްޖެއިން ކޮރޯނާވައިރަހަށް މީހަކު ޕޮޒިޓިވްވާ ހިސާބުން ރާއްޖޭގައިވެސް ދޭނީ ހަމަ ޗައިނާގައިވެސް މިބައްޔަށް ދެމުންދަ ފަރުވާތައް ކަމަށެވެ. އަދި މިއަށް ވަކި ޚާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާކަން ޑރ.މޫސަ ފާހަގަކުރެއްވިއެވެ.