ޚަބަރު

މުއްދަތު ހަމަވިިރު ވޯޓާސް ލިސްޓަށް 373 ޝަކުވާ ހުށައަޅަފި


ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށައަޅަން ހުޅުވާލި މުއްދަތު ހަމަވިއިރު 373 ޝަކުވާ ހުށައަޅައިފިއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވެފައިވަނީ އިއްޔެއަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި ގިނައިން ހުށައަޅާފައި ވަނީ އެޑްރެސް ބަދަލުވެފައިވުމާއި މަރުވެފައިވާ މީހުންގެ ނަންނަތައް ވޯޓާސް ލިސްޓުގައި ހިމެނިފައި ވުމުގެ ޝަކުވާތައް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ހުށައަޅާފައިވާ މައްސަލަތައް ރަނގަޅު ކުރަމުންދާކަމަށާއި ކުރިއަށް އޮތް ފަސްދުވަހުގެ ތެރޭ ވޯޓާސް ލިސްޓް އިސްލާޙް ކުރުމަށްފަހު ގެޒެޓް ކުރާނެކަމަށެވެ. އަދި ވޯޓާސް ލިސްޓަށްވެސް ޝަކުވާ ހުށައެޅުމަށް ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މިފަހަރުގެ ވޯޓާސް ލިސްޓަކީ އިންތިޚާބުގެ ކުރިން އެކުލަވާލެވި މައްސަލަ ދިމާނުވާގޮތަށް އާންމުކުރެވޭ ލިސްޓަކަށް ހެދުމަށްކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓްގައި ނަން އޮތްތޯ ބަލައި، އެއްވެސް މައްސަލައެއް އުޅޭނަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކަމެއް ހުށައެޅުމަށް އެދިވަޑައިގެންފައެވެ. ކޮމިޝަނުން ދަނީ އިންތިޚާބުގައި ބޭނުންވާ އޮފިޝަލުންނާއި، އިދާރީ ކަންކަން ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކައުންސިލް އިންތިޚާބުގައި ވޯޓްފޮށި ދޮށުގައި ހަރަކާތްތެރިވުމަށާއި، އިދާރީ ކަންކަމުގައި ހަރަކާތްތެރިވުމަށް 6000އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އޮފިޝަލުން ހޯދުމަށްޓަކައި އިލެކްޝަން ކޮމިޝަނުން ދަނީ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 4 ގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ކައުންސިލްތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

އަދި ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްގެ ރައީސްއާއި، ރަށު ކައުންސިލްގެ ރައީސުން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބުކުރަންޖެހޭގޮތަށް ވަނީ ޤާނޫނަށް ބަދަލުގެނެސްފައެވެ. އަދި މި އިންތިޚާބުގައި އަންހެނުންނަށް ޙާއްސަ ގޮނޑިތަކެއްވެސް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.