ޚަބަރު

ދިވެހިރާއްޖެއަށް ކޮމަންވެލްތުގެ މެންބަރުކަން އަލުން ދީފި


ކޮމަންވެލްތުގެ ހުރިހާ ޤައުމެއްގެ ފުރިހަމަ ތާޢީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ އަލުން ހަމަޖެހުނުކަން އެ ޖަމްޢިއްޔާގެ ސެެކެޓްރީ ޖެނެރަލް އަންގަވާފައި ވާކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ބައިނަލްއަޤްވާމީ މަސްރަޙުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކޮމަންވެލްތުގެ މެންބަރުކަން ރާއްޖެއަށް އަލުން ލިބުމާއެކު ރާއްޖެ ވެގެންގޮސްފައި މިވަނީ އެ ޖަމްޢިއްޔާގެ 54ވަނަ މެންބަރު ޤައުމަށެވެ.

ރާއްޖެއަށް ކޮމަންވެލްތުގެ މެންބަރުކަން ލިބުމާއެކު މެންބަރު ޤައުމުތަކުގައި ރާއްޖެއިން ޤާއިމްކޮށްފައިވާ އެމްބަސީތައް ހައިކޮމިޝަނަށް ބަދަލުވެގެންދާނެއެވެ. ސަރުކާރުން ދަނީ އެކަމަށްޓަކާއި ވާންޖެހޭ ތައްޔާރީތައްވެސް ވަމުންނެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ 13 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. އަދި އެނިންމުން ބަދަލުކޮށް ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުން ވުމަށް ސަރުކާރުން ހުށަހެޅީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގައެވެ. ކޮމަންވެލްތުގައި އަލުން ބައިވެރިވުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.