ހަލުވިކަމާއެކު ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކުން ޗައިނާއަށް ދަތުރުކުރުން ހުއްޓާލައިފިއެވެ.
މި އެއަރލައިންތަކުން މި ފިޔަވަޅު އަޅާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ވައިރަސް ފެތުރި މި ބަލީގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ.
ޗައިނާގެ ވޫހާން ސިޓީގައި ނުރައްކާތެރި ވައިރަހެއް އުފެދި ހަލުވިކަމާއެކު ފެތުރެން ފަށާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ވައިރަސް ފެތުރެމުންދާއިރު މި ވައިރަސް ފެތުރުނަނުދީ ކޮންޓްރޯލްކުރުމަށް ޗައިނާއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެޤައުމުން ވަނީ 11 މިލިއަން މީހުންގެ އާބާދީ އޮންނަ ވޫހާން ސިޓީއަށް އެތެރެވުމާއި ބޭރުވުން މަނާކޮށްފައެވެ.
އެހެންނަމަވެސް މި ބަލި ކޮންޓްރޯލް ނުވެ ދެކުނު އިރުމަތީގެ ޤައުމުތަކަށާއި ދެކުނު އޭޝިއާ ސަރަޙައްދަށް މިހާރު ދަނީ ފެތުރެމުންނެވެ. މިކަމާއި ގުޅިގެން ގިނަ ޤައުމުތަކުން މިހާރު ވަނީ ޗައިނާ ފަތުރުވެރިން އެޤައުމުތަކަށް އެތެރެވިޔަ ނުދީ އޮންއެރައިވަލްގައި ވިސާ ކެންސަލްކޮށް، ޤައުމަށް އަނބުރާ ފޮނުވާލާފައެވެ. މިއާއެކު މިހާރު ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކުންވެސް ވަނީ ޗައިނާއަށް ދަތުރުކުރުން ހުއްޓާލާފައެވެ. މީގެ ތެރޭގައި އެމެރިކާގެ ބައެއް އެއަރލައިންތައް، ބްރިޓިޝް އެއަރވޭސް، ޔުނައިޓެޑް އެއަރލައިންސް، އެމެރިކަން އެއަރލައިންސް، އެއަރ އޭޝިއާ، ކެތޭ ޕެސިފިކް، އެއަރ އިންޑިއާ، އިންޑިގޯ އެއަރލައިންސް، ލުފްތާންސާ ކަންޓަސް، އެއަރ ނިއުޒިލެންޑް އަދި ފިން އެއަރ ހިމެނެއެވެ. މި އެއަރލައިންތަކުން ދަތުރުތައް އަލުން ފަށާނެ ތާރީޚެއް އިޢުލާނުކޮށްފައެއް ނުވެއެވެ.
ބައިނަލްއަޤްވާމީ ބޮޑެތި އެއަރލައިންތަކުން ޗައިނާއަށް ދަތުރުކުރުން ހުއްޓާލާފައިވާއިރު މީގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ބޮޑު ލޮޅުމެއް އައިސްދާނެކަމަށް ތަޖުރިބާކާރުން ލާފާކުރެއެވެ. ޗައިނާ މާކެޓަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ މާކެޓެކެވެ.
އަހަރެއްގެ މައްޗަށް ޗައިނާ ފަތުރުވެރިން 1.6 ބިލިއަން ޑޮލަރު ޚަރަދުކުރާއިރު އެއަރލައިންތަކުން ޗައިނާއަށް ދަތުރުކުރުން ހުއްޓާލުމީ ގިނަ ޤައުމުތަކަށް ގެއްލުމާއި ކުރިމަތިލާންޖެހިފައިވާކަމެކެވެ. އެހެންނަމަވެސް، ހަލުވި މިނެއްގައި ފެތުރެމުންދާ ކޮރޯނާވައިރަސްއިން ރާއްކާތެރިވުމަށް ގިނަ ޤައުމުތަކުން ދަނީ މި ފިޔަވަޅު ނަގަމުންނެވެ. އެގޮތުން ދާދިފަހުން ރާއްޖެއިން ވެސް ވަނީ މި ވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި ޗައިނާއަށް ޑައިރެކްޓް ފްލައިޓްތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.
ކޮރޯނާ ވައިރަހާއި ދެކޮޅަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އާއި ގުޅިގެން ޤައުމުތަކުން އަންނަނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. މި ބަލީގެ ފަރުވާ މިހާތަނަށް ދެނެގަނެވިފައިނުވާއިރު ސިއްޚީ މާހިރުން ވަނީ މިބަލިން ރައްކާތެރިވެ ތިބުމަށް ދަތުރުފަތުރުކުރުން ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.