ސިއްހަތު

ކޮރޯނާއިން ސަލާމަތްވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުއްވުމަށް މުއައްސަސާތަކަށް ރައީސް އަންގަވައިފި


ކޮރޯނާވައިރަސްގެ ނުރައްކަލުން ދިވެހި ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ސަލާމަތްކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް ވަގުތުން ވަގުތަށް އަޅުއްވަމުން ގެންދެވުމަށް ކަމާގުޅޭ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަންގަވައިފިއެވެ.

އެމަނިކުފާނު މިކަން އަންގަވާފައިވަނީ ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންނާއިއެކު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "ނޮވެލް ކޮރޯނާވައިރަސް" އިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވައި، ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ކަމާއިބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ. އަދި، އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި މަސައްކަތްތަކާއިމެދު މަޝްވަރާކުރައްވާ، އެމަނިކުފާނު ވަނީ މިކަމުގައި ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތްކުރުމަށް އިރުޝާދު ދެއްވާފައެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިކަމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ދިވެހި ރައްޔިތުންނާއި މި ޤައުމަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަން ފާހަގަކުރައްވާ، މިކަމުގައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވަގުތުން ވަގުތަށް އަޅުއްވަމުން ގެންދެވުމަށް ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ. އަދި، ޗައިނާއާއި މި ވައިރަސްގެ އަސަރު ފެނިފައިވާ އެހެނިހެން ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހީންގެ ޙާލަތު އޮޅުންފިލުއްވައި، އެމަނިކުފާނުވަނީ، އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ސާފު ކުރައްވާފައެވެ.