ޚަބަރު

ކޮރޯނާއާ ގުޅޭ ޚަބަރު ގެނެސްދިނުމުގައި ޤައުމީ މަސްލަޙަތު އިސްކުރޭ - މީޑިއާކައުންސިލް


ކޮރޯނާވައިރަސްއާއި ގުޅޭގޮތުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޤައުމީ މަސްލަޙަތު އިސްކުރުމަށާއި، ޢާއްމުންގެ މެދުގައި ބިރުވެރިކަން ނުފެތުރޭގޮތަށް ޢަމަލުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާތަކަށް އިލްތިމާސްކުރައްވައިފިއެވެ.

އެކައުންސިލުން މިކަމަށް އިލްތިމާސްކުރައްވާފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ. އެބަޔާނުގައި ވިދާޅުވެފައިވަނީ ކޮރޯނާވައިރަހާ ގުޅިގެން މަޢުލޫމާތު ފެތުރުމުގައި ތަފާސްހިސާބު ޢާއްމުކުރާއިރު، ޑަބްލިއުއެޗްއޯގެ ތަފާސްހިސަބުތަކަށް ބޮޑަށް ބުރަވުމަށާއި އެހެން ފަރާތަކުން މަޢުލޫމާތު ހޯދާނަމަ ޒިންމާދާރުކަމާއެކު ޞައްޙަ މަޢުލޫމާތުތޯ ކަށަވަރުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

މީގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނުންވެސް ވަނީ ކޮރޯނާވައިރަހުގެ ސަބަބުން ފެތުރެމުންދާ ބަލިމަޑުކަމާ ގުޅޭގޮތުން، ޢާންމުންގެ މެދުގައި ބިރުވެރިކަންއުފެދި ނުތަނަވަސްކަން އަންނަ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، މިކަމާ ގުޅޭ އެންމެހާ ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް ނަސޭހަތްތެރިވެ، އިލްތިމާސްކުރައްވާފައެވެ.

މުޅި ދުނިޔެއަށް ދިމާވެފައިވާ މި ސިއްޙީ ކުއްލި ޙާލަތުގައި ޢާއްމުންގެ ހިތުގައި ބިރުވެރިކަން ފެތުރޭގޮތަށް މަޢުލޫމާތު ނުފެތުރުމަށް މިނިސްޓްރީ އޮފް ހެލްތުންވެސްވަނީ އިލްތިމާސްކުރައްވާފައެވެ. މިޙާލަތުގައި މީޑިއާތަކުން ކަމާ ގުޅުންހުރި ފަރާތްތަކާ ހަވާލާދީ ޢާއްމުކުރާ މަޢުލޫމާތުތަކަށް އިތުބާރުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ފަރުދީފެންވަރުގައި އެޅުމަށްވެސް ހެލްތު މިނިސްޓްރީންވަނީ އިލްތިމާސްކުރައްވާފައެވެ. ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ދުނިޔެގެ ގިނަ ޤައުމުތަކަށް ފެތުރެމުންދިޔުމާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ އިންވަނީ މިހާރު މުޅި ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރައްވާފައެވެ.