ވިޔަފާރި

އެސްޓީއޯއިން ދާއިމީ ގޮތެއްގައި ފިޔާ ގެނެސް ވިއްކަން ފަށަނީ


ފިޔާގެ އަގު ބޮޑުވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން އެސްޓީއޯއިން ދާއިމީ ގޮތެއްގައި ފިޔާ ގެނެސް ވިއްކުމަށް ނިންމާފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ފިޔާ ލިބުމުގައި ދަތިވާ ކޮންމެ ދަނޑިވަޅެއްގައި އެސްޓީއޯއިން ފިޔާގެ ސްޓޮކް ބާޒާރަށް ގެނައުމަށް މަސައްކަތްކުރަނީ ބޮޑު ހަރަދުކޮށް، ގެއްލުމުގައިކަމަށެވެ. އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެސްޓީއޯއިން އާންމުކޮށް ދިޔާ ގެނެސް ވިއްކުމަށް ނިމާފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވައިގެ މަގުން ފިޔާ ގެނެސް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން ދިޔައީ. މިހާރު ކުޑަކޮށް ބާޒާރުގައި ފިޔާ އަގުދަށްވެފައި ވިޔަސް އަޅުގަނޑުމެން އަދިވެން ކޮންޓިނުއަސްކޮށް ފިޔާ އެބަ ގެންނަން. އަދި އަޅުގަނޑުމެން ނިންމާފައިވަނީ ފިޔާ އާންމުކޮށް ގެނެސް ވިއްކަން. އެއީ މިފަހަރު އެކަންޏެއް ނޫން މީގެ ކުރިންވެސް މިދިޔަ އަހަރު ތެރޭގައިވެސް ފިޔާ އަގު މަތިވެ ލިބުން ދަތިވުމުގެ މައްސަލަތައް ޖެހިފައިވާތީ." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ފިޔާ ފަދަ މުހިންމު އެއްޗެއްގެ އަގު ކުއްލިއަކަށް އުފުލުމުން، އެތަކެތީގެ ސްޓޮކް ހޯދުމަށް ދަތިތަކާ ކުރިމަތިވަނެކަމަށެވެ. އަދި ދާއިމީކޮށް ފިޔާ ގެންނަނަމަ އަގުތައް އަރައިގެން ދިއުމުން މިކަން ހައްލުކުރެވޭނެ ގޮތްތައް އެސްޓީއޯއަށް ކަނޑައެޅުމުގައި ފަސޭހަ ވާނެކަމަށެވެ. އަދި މިހާރު ހުރި ލިމިޑެޓް ކެޕޭސިޓީ ބޭނުންކޮށްގެންވިޔަސް ފިޔާ ދާއިމީކޮށް ގެންނަމުންދާނެކަމަށް އަމްރު ވިދާޅުވިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ ކުރިއަށް އޮތީ ރޯދަމަސް ކަމުން، އާންމުކޮށް ކޮންމެ ރޯދަމަހަކުވެސް ފިޔާ އަލުވި ބިސް އެސްޓީއޯއިން ގެނެސް ވިއްކަނީ، މާރކެޓް ހަމައަކަށް އަޅުވާ، އަގުތައް އެއްވަރެއްގައި ހިފެހެއްޓޭތޯ ކުރާ މަސައްކަތުގެ ދަށުންކަމަށެވެ.

މިދިޔަ އަހަރުވެސް އިންޑިއާގެ ދަނޑުތަކުގައި ފެންބޮޑުވެ ސްޓޮކްތައް ހަލަކުވުމާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. މިގޮތުން 10-12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއްގެ އަގު 70 ރުފިޔާއަށްވުރެ މައްޗަށް ދިޔައެވެ. މިކަމަށް އަވަސް ހައްލެއް ހޯދުމަށް އެސްޓީއޯއިން އެކި ޤައުމުތަކުން ފިޔާ ގަނެ، ރާއްޖޭގެ ބާޒާރަށް ފޯރުކޮށްދިނެވެ.