ޚަބަރު

ކޮންމެހެން މާސްކު އަޅަންޖެހޭތަ؟


މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ކޮންމެހެން މާސްކުއަޅަންޖެހޭތޯ މިއީ މިފަދަ ވަގުތެއްގައި ކޮންމެ މީހަކުވެސް ކޮށްލުން މުހިއްމު ސުވާލެކެވެ. ސަބަބަކީ މުޅި ދުނިޔޭގައި ވެސް އެންމެ ޒަރޫރީ އެއްޗަކަށް މާސްކުވެފައިވާއިރު މާސްކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަކީ މިވަގުތު ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ.

ކޮރޯނާ ވައިރަސް ޗައިނާއިން ދުނިޔޭގެ އެހެނިހެން ހިސާބުތަކަށް ފެތުރެން ފެށުމާއި ގުޅިގެން ދިވެހިންގެ ތެރޭގައިވެސް މިވަނީ ނުތަނަވަސްކަން ވެރިވެ ބިރުވެރިކަމެއް އުފެދިފައެވެ. މިއަހަރު ފެށުނު އިރު ދުނިޔެ ކުރިމަތި ލާފައިމިވާ ވައިރަސްއަށް މިހާތަނަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ސައިންސްވެރިން ރެއާއި ދުވާލު މިކަމަށް ފަރުވާއެއް ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު މިކަމުގެ އަސަރު ކޮށްގެން މަރުވާ މީހުންވެސް އަންނަނީ އިތުރުވަމުންނެވެ.

އެހެންކަމުން އާއްމުންގެ މެދުގައި މިބިރު އުފެދުމަކީ މިފަދަ ދަނޑިވަޅެއްގައި މެދުވެރިވެދާނެ ކަމެކެވެ. އެހެންނަމަވެސް މިކަމާއި ދެކޮޅަށް ކޮންމެ ޤައުމަކުންވެސް ފިޔަވަޅުތައް އަޅަމުން އަންނައިރު އާއްމުންގެ މިބިރަކީ ހުރިހާ ޤައުމެއްގެ ސަރުކާރުތަކަކަށްވެސް ދިމާވެފައިވާ ގޮންޖެހުމެކެވެ.

އެންމެން ކޮންމެހެން މާސްކު އަޅަންޖެހޭތަ؟

މިބަލިން ރައްކާތެރިވުމަށް މިވަގުތު ސަރުކާރުތަކުން ކުރާ މަސައްކަތްތަކާއި އެއްވަރަށް ފަރުދީ ޒިންމާވެސް ބޮޑެވެ. އެގޮތުން އެންމެންވެސް އެންމެ ކަންތައް ބޮޑުވަނީ މާސްކު އަޅަން ނުލިބިދާނެތީ ނުވަތަ ސްޓޮކް ނެތްކަމަށް ބުނެއެވެ. އެހެންނަމަވެސް މާސްކު އަޅަން ކޮންމެހެން ޖެހޭ ހެއްޔެވެ؟

ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކާގޮތުގައި މިއީ "އެއަރ ބޯން" ވައިރަހެއް ނޫނެވެ. ނުވަތަ މިއީ ވައިގެ ތެރޭގައި ދައުރުވާ ވައިރަހެއް ނޫނެވެ. އެހެންކަމުން ހަމައެކަނި މާސްކު އެޅުމަކުން ކޮރޯނާ ވައިރަސްއިން ރައްކާތެރިއެއް ނުވެވެއެވެ. އެއަށްވުރެ ބޮޑަށް ރައްކާތެރިވުމަށްޓަކައި ގިނަގިނައި އަތް ދޮވުން މާމުހިއްމެވެ.

ސަބަބކީ ކޮރޯނާ ވައިރަސްގެ އަސަރުކޮށްފައި ހުރި މީހެއްގެ ނޭފަތުން ނުވަތަ ލޮލުން އަދި އަނގައިން ބޭރުވާ ފެން ނުވަތަ ދަވައެއް ތަނެއްގައި ހޭކިފައިހުރިނަމަ އެފަދަ ތަނެއްގައި ވައިރަސް ނެތް މީހާ އަތްލުމުގެ ސަބަބުން މިވައިރަސް އަރާނެކަމަށް ސައިންސްވެރިން ވިދާޅުވެއެވެ. އެހެންކަމުން ނޭވާލާ ނިޒާމުގައި މައްސަލައެއް ނެތް އަދި ނޭވާލާ ނިޒާމާއި ގުޅުންހުރި ބައްޔެއް ނެތް އާއްމު މީހަކު މާސްކު އަޅަން ކޮންމެހެން ނުޖެހޭކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަކުރައްވައެވެ.

ކޮންމެހެން މާސްކު އަޅަންޖެހެނީ ކޮން ބައެއް؟

ޑަބްލިއުއެޗްއޯއިން ހާމަކުރައްވާފައިވާ ގައިޑްލައިންގައިވާ ގޮތުން ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ކޮންމެހެން މާސްކު އަޅަންޖެހެނީ ނޭވާލާ ނިޒާމުގެ މައްސަލައެއް ހުންނަ މީހުންނާއި، ނޭވާލާ ނިޒާމުގެ ބައްޔެއްހުރި މީހަކަށް ފަރުވާދޭ ސިއްޙީ ޚިދުމަތްތެރިންނާއި، ނޭވާލާ ނިޒާމްގެ މައްސަލަ ހުންނަ މީހުންނާއި ކޮންމެހެން ބައްދަލު ކުރަންޖެހޭ މީހުންނަށެވެ.

އަދި ނޭވާލާ ނިޒާމުގެ ބަލިތައް ނުވަތަ އެފަދަ ބައްޔެއްގެ ޢަލާމާތެއް މިސާލަކަށް ކެއްސުމާއެކު އަރިދަފުސްއައުމާއި ނޭފަތުން އަރިދަފުސް ފޭބުމާއި ކަރުގައި ރިއްސުން ނޭވާކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން އަދި ނިއުމޯނިއާ ފަދަ ކަމެއް ހުންނަ މީހުން ކޮންމެހެން މާސްކު އަޅަންޖެހެއެވެ. އެހެންކަމުން މިވަގުތު ރާއްޖޭގައި ވެސް އަދި މުޅި ދުނިޔޭގައި ވެސް އެންމެ ޒަރޫރީ އެއްޗަކަށް މާސްކުވެފައިވާއިރު މާސްކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ކުރުމަކީ މިކަމުގައި އޮތް މުހިއްމު ފަރުދީ ޒިންމާއެކެވެ.

ކޮރޮނާ ވައިރަސް ފެތުރިގެން ހުރިހާ އެންމެ ނުރައްކަލަށް ހުށައެޅިފައިނުވާ ޤައުމުތަކުގައި މާސްކު އެޅުމަކުން މިވައިރަހުން ވާނެ ރައްކަލެއް ނެތެވެ. އެހެންނަމަވެސް ގިނަ ގިނައިން އަތް ދޮވުމާއި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި ކެއްސާ ކިނބިހި އަޅާއިރު ހުސްއަތް އަނގަމަތީ އެޅުމުގެ ބަދަލުގައި ޓިޝޫ ބޭނުންކުރުން ނުވަތަ އަތުގެ އުޅަނބޮށި ހުރަސްކޮށް އެޅުމަށް ޑަބްލިއުއެޗްއޯ އިން އިލްތިމާސްކުރެއެވެ. އަދި ބޭނުންކުރުމަށްފަހު އުކާލާ މާސްކު ރައްކާތެރިގޮތުގައި ނައްތާލުމަށްފަހު އަތް ރަނގަޅަށް ދޮވުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.