ވިޔަފާރި

ވެލިއުއެޑް މަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ ފުރަތަމަ ތަމްރީން ޕްރޮގްރާމް ފަށައިފި


ވެލިއުއެޑް މަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ ތަމްރީން ޕްރޮގްރާމް ރ. ހުޅުދުއްފާރުގައި ފަށައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިއަހަރު އަތޮޅުތެރެއަށް އަމާޒުކޮށްގެން ހިންގާ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ.

މިޕްރޮގްރާމްގައި ތިއަރީ ބައިތަކާއެކު ޢަމަލީ މަސައްކަތްތައް ކުރިޔަށްދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އޭގެތެރޭގައި މަހުގެ އުފެއްދުންތަކުގައި ވެލިއުއެޑް ތަފާތު ބާވަތްތައް ތައްޔާރުކުރުމަށް ދަސްކޮށްދެވޭނެއެވެ. އަދި މަސްވެރިކަމުގެ ކުދި ވިޔަފާރިތައް ހިންގާނެގޮތާއި، ހިންގުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި، އެވިޔަފާރީގެ ލިޔެކިޔުމާއި ހިސާބު ބެލެހެއްޓުން ފަދަ މުހިންމު މަޢުލޫމާތު ބައިވެރިންނަށް އުނގަންނައި ދެވޭނެއެވެ. އޭގެ އިތުރުން، ވިޔަފާރީގެ އުސޫލުން ޖަމާޢަތެއްގެ ގޮތުގައި މިފަދަ ވިޔަފާރިއެއް ހިންގާނެގޮތާއި ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ބެހޭގޮތުން މިޕްރޮގްރާމްގެ ބައިވެރިންނަށް މަޢުލޫމާތު ދޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މި ތަމްރީން ޕްރޮގްރާމް މިމަހުގެ 29 ވަނަ ދުވަހު ފައްޓަވައިދެއްވީ، ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހިމެވެ. މިޕްރޮގުރާމް ފެއްޓެވުމުގެ ގޮތުން ކައުންސިލްގެ ރައީސް ވަނީ، މިފުރުޞަތުގެ ބޭނުންކޮށް، މިޕްރޮގްރާމްގައި ދެވޭ މަޢުލޫމާތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި އަމަލީ މަސައްކަތުގައި ފުރިހަމަޔަށް ބައިވެރިވެ މިޕްރޮގްރާމް ފުރިހަމަކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި މިޕްރޮގްރާމްގެ ސަބަބުން ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ މަގު ތަނަވަސްވާނޭކަމަށް އުންމީދު ކުރާކަމުގައި ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށްދާނީ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި 17 އަންހެނުންނާއި 11 ފިރިހެނުން ހިމެނޭ ގޮތަށް ޖުމްލަ 28 މީހުން ބައިވެރިވެފައިވެއެވެ.