ޚަބަރު

ސިޑި ބަރީގެ މަސައްކަތް ކުރުމަށް ސްވިމިންގ ޓްރެކް ބަންދުކޮށްފި


ސްވިމިން ޓްރެކް ސަރަޙައްދުގައި ތަރައްޤީކުރާ ޕްލެޓް ފޯމުގެ މަސައްކަތް ކުރުމަށް އެ ސަރަޙައްދު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ އެ ސަރަޙައްދުގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި މޫދުން ބައެއް ކޮނުމާއި އެ ސަރަހައްދުގައި ޖަހާފައި ހުރި ބޮޑު ހިލަތައް ނަގާއި ބަދަލުކުރުން ހިމެނޭކަމަށެވެ. އެހެންކަމުން މި މަސައްކަތައް ކުރިޔަށްދާ ވަގުތުތަކުގައި އެ ސަރަހައްދަށް މޫދަށް އެރި އުޅުމަކީ ރައްކާތެރިކަމަކަށް ނުވާތީ އެ މަސައްކަތްތައް ނިމެންދެން އެ ސަރަހައްދި ވަގުތީ ގޮތުން ބަންދުކޮށްފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ސްވިމިން ޓްރެކް ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ މާޒިޔާ ކޮންސްޓްރަކްޝަނާ އެެވެ. މި މަސައްކަތުގެ ދަށުން އެ ސަރަޙައްދުގައި ސިޑި ބަރިއަކާއި އެކު ޗޭންޖިން ރޫމްތަކާއި ފާޚާނާ ބަރިއެއްގެ އިތުރުން ފެންވަރާނެ ތަންތަން ވެސް ހުންނާނެއެވެ. އަދި އެ ސަރަހައްދުގެ ބޮޑު ބައެއް ހިޔާކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް މި މަސައްކަތް މާޒިޔާ އާއި ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫންމަހުގެ 30 ވަނަދުވަހުއެވެ. އެހެންނަމަވެސް އެ ސަރަހައްދު ތަރައްޤީކުރަން ދިން މުއްދަތު ހަމަވިއިރުވެސް އެ މަސައްކަތް ފަށާފައެވެ. ސްވިމިން އެސޯސިއޭޝަނުން ބުނީ މަސައްކަތް ނުފެށި ލަސްވީ އެ މަސައްކަތް ފެށުމުގެ ކުރިން ގިނަ ދިރާސާތަކެއް ހަދަން ޖެހުމުންކަމަށެވެ.

ސްވިމިން ޓްރެކް ސަރަޙައްދުގައި ތަރައްޤީކުރާ ޕްލެޓް ފޯމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި ޖެނުއަރީ މެހުގެ ތެރޭގައެވެ