ކުޅިވަރު

ވެލެންސިޔާއަށް އެންމެ ރަނގަޅު ގޮތަކީ ރެލިގޭޓްވުން - އިޤްބާލް


   މިހާރު ކުލަބް ވެލެންސިޔާއަށް އެންމެ ރަގަނޅު ގޮތަކީ
ރެލިގޭޓްވުންކަމަށް އެޓީމްގެ ކޯޗް މުހައްމަދު އިގްބާލް ބުނެފިއެވެ. އިގްބާލް
މިހެން ބުނެފައިވަނީ ބީޖީ ސްޕޯޓްސް ކުލަބާ ވާދަކޮށް ތިން ލަނޑު އެއް ލަނޑުން
ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ. އިގްބާލްބުނީ ކުލަބް
ވެލެންސިޔާ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ކުރިން އޮތްނަމަވެސް މިހާރު
އެދުވަސް ފާއިތުވެ ހިނގައްޖެކަމަށެވެ. 

ފާއިތުވެދިޔަ ދެ އަހަރުވެސް ވެލެންސިޔާ
ފުރަތަމަ ޑިވިޝަންގައި ފުޓްބޯޅަ ކުޅެމުން އައިސްފައިވަނީ ވަރަށް ހާލުގައިކަމަށާއި،
އެހެންކަމުން އިތުރަށް ވެލެންސިޔާއަށް ކުރި އެރޭނީ ރެލިގޭޓްވެގެންކަމަށް
އިގްބާލްބުންޏެވެ. އިގްބާލްބުނީ މެނޭޖްމަންޓްއިންވެސް މިހާރު މިކަމާ
ވިސްނަންވެއްޖެކަމަށާއި، ހާއްސަކޮށް ނަތީޖާ ނުނެރެވޭކަމުގައިވާނަމަ، ދެވަނަ
ޑިވިޝަނަށް ރެލިގޭޓްވެ، މަޑުމަޑުން ކުރިންވެސް ވެލެންސިޔާ ފުޓްބޯޅައިގައި ގަދަ
ބާރަކަށް ހެދި ގޮތަށް މަސައްކަތް ކުރަންވެއްޖެކަމަށެވެ. 

ކުޅުންތެެރިންގެ
ފަރާތުންވެސް މޮޅުވުމުގެ ރޫޙު މިހާރު ނުފެންނަކަމަށާ، ނުވަތަ ކުލަބް ވެލެންސިޔާ ޖާޒީގައި
ކުޅުމުގެ ރޫހް މިހާރު އެއްގޮތަކަށްވެސް ނެތްކަމަށް އިގްބާލްބުންޏެވެ. ލީގުގައި 6
މެޗް ކުޅެފައިވާއިރު ތިން ޕޮއިންޓާއެކު ވެލެންސިޔާ އޮތީ ފުލުން ދެވަނައިގައެވެ.