ޚަބަރު

އެއްވެސް މިސްކިތެއްގައި ރޯދަ ވީއްލުން މަނާއެއް ނުކުރަން - އިސްލާމިކް މިނިސްޓަރ


އެއްވެސް މިސްކިތެއްގައި ރޯދަ ވީއްލުން މަނާކޮށްފައި ނުވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ވިޔަފާރިވެރިންގެ މިސްކިތުގައި ސުންނަތް ރޯދަ ވެރިންގެ ރޯދަ ވީއްލުމުގެ ކަންކަން ކުރިޔަށް ނުގެންދަން އިސްލާމިކް މިނިސްޓަރ އެންގެވިކަމަށްބުނެ ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ އެއްވެސް އިރެއްގައި އެއްވެސް މިސްކިތެއްގައި ރޯދަ ވީއްލުން މަނާކޮށްފައި ނުވާނެކަމަށެވެ. އަދި ކުރިއެކޭ އެއްފަދައިން މިހާރުވެސް ފަރުޟު ރޯދައިގެން އިތުރުން ސުންނަތް ރޯދަތައް މިސްކިތްތަކުގައި ވީއްލޭނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިސްކިތްތަކުގައި ރޯދަވީއްލުމަށް ވަކި ހުއްދައެއް ނުނެގިނަމަވެސް އެކަން ކުރަމުންދާކަން މިނިސްޓްރީއަށް އެގެންވާނެކަމަށެވެ. އަދި މިސްކިތްތަކުގައި ރޯދަ ވީއްލާ ފަރާތްތަކާއި ރޯދަ ވީއްލުމަށް ތަކެތި ގެންދާ ފަރާތްތަކުންވެސް މިސްކިތްތަކުގެ ސާފުތާހިރުކަމަށް ބަލަންޖެހޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިސްކިތްތަކުގައި ރޯދަ ވީއްލުމަކީ ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. އަދި ރޯދަމަހު ހުރިހާ މިސްކިތެއްގައިވެސް ރޯދަ ވީއްލުން ކުރިއަށްގެންދާކަން ފާހަގަކުރެވެއެވެ. މިސްކިތްތަކުގައި ރޯދަވީއްލުމަކީ ރާއްޖެއެކޭ އެއްފަދައިން އިސްލާމީ ޤައުމުތަކުގައިވެސް ކޮށް އުޅޭކަމެކެވެ.