ސިއްހަތު

ކޮރޯނާ ވައިރަސް ނެތްކަން ކަށަވަރު ކުރުމަށްޓަކައި ޗައިނާއިން އައި ދިވެއްސަކު އެކަހެރިކޮށްފި


ޗައިނާއިން ރާއްޖެ އައި ދިވެއްސެއްގެ ގައިގައި ކޮރޮނާވައިރަހުގެ އަސަރު ނެތްކަން ކަށަވަރު ކުރުމަށްޓަކައި އޭނާ އެކަހެރިކޮށް ޓެސްޓު ކުރަން ފަށައިފިއެވެ.

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި، ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ ޗައިނާގެ ޒިއާމިން ސިޓީން ރާއްޖެއައި ޢުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކު އެކަހެރިކޮށް ޓެސްޓު ކުރަން ފަށާފައިވާކަމަށެވެ. އަދި އޭނާ އައިސޮލޭޓް ކޮށްފައިހުރީ ފޮނަދޫގައި ޤާއިމްކުރި އައިސޮލޭޝަން ޔުނިޓުގައި ކަމަށާ އޭނާގެ ހާލު ރަނގަޅު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޗައިނާގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ހޫބޭ އާއި ވޫހާން ޕްރޮވިންސްސަށް އެމީހާ ދަތުރުކޮށްފައިނުވާކަމަށެވެ. ނަމަވެސް އޭނާ ދަތުރުކުރި ޗައިނާގެ ޒިއާމިން ސިޓީން ސަތޭކައެއްހާ މީހުން އެބައްޔަށް ޕޮސިޓިވް ވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް އެއްވެސް މީހަކު އެ ސިޓީން އަދި މަރުވެފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭނާ ބެއްލެވި އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ އޭނާގެ ގައިގައި ހުރީ ހަމައެކަނި އަރިދަފުސް ރޯގާގެ އަލާމާތްކަމަށާ، އޭނާގެ އެކްސްރޭއާއި އެހެނިހެން ޓެސްޓުތަކުންވެސް ހާލު ރަނގަޅުކަމަށް ދައްކާފައިވާކަމަށެވެ. އެހެންނަމަވެސް އޭނާގެ ޓެސްޓުތައް އިތުރަށް ޓެސްޓު ކުރުމަށްޓަކައި ބޭރަށް ފޮނުވާފައިވާކަމަށާ، އޭނާ ޓެސްޓު ކުރަނީ ކޮރޯނާ ވައިރަސް އޮތް ސަރަހައްދަކުން ރާއްޖެ އައިސްފައިވާތީ އެބަލީގެ އެއްވެސް އަސަރެއް އޭނާގެ ގައިގައި ނެތްކަން ޔަޤީންކުރުމަށް ކަމަށެވެ.

ރާއްޖެއަށް ކޮރޮނާ ވައިރަސް އެތެރެވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ޚާއްޞަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން ރާއްޖޭގެ ވައިގެ ބަނދަރުތަކާއި ކަނޑު ބަނދަރުތަކުގައިވެސް މިކަމަށްޓަކައި ޚާއްޞަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ. އަދި ކޮރޮނާ ވައިރަހަށް ޝައްކުކުރެވޭ މީހުން އެކަހެރި ކުރުމަށްޓަކައި އައިސޮލޭޝަން ޔުނިޓްތަކެއްވެސް ވަނީ ޤާއިމް ކޮށްފައެވެ.

ޗައިނާގައި ކޮރޮނާވައިރަސް ފެތުރެމުންދާތީ އެޤައުމުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރުންވެސް މިހާރު ވަނީ މެދުކަނޑާލާފައެވެ. ސަރުކާރުން މިގޮތަށް ނިންމެވީ ކޮރޯނާ ވައިރަހުން ރައްކާތެރިވެ ތިބުމުގެ ގޮތުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ކޮރޮނާވައިރަސްގެ އަސަރު ފެނިފައިވާ ޤައުމުތަކަށް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ މިދުވަސްވަރު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. ސަރުކާރުން މިގޮތަށް އިލްތިމާސް ކުރައްވާފައިވަނީ ކޮރޮނާވައިރަސް ފެންނަމުންދާ ޤައުމުތައް އިތުރުވެ އެކަމުގެ ނުރައްކާތެރިކަން ރާއްޖެއަށްވެސް ބޮޑުވެފައިވާތީ ރައްކާތެރިވުމުގެގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައެވެ.