ޚަބަރު

ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ ދަފްތަރު މަޖިލީހަށް ފޮނުވައިފި


ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަތުމަށްޓަކައި ދަފުތަރެއް އެކުލަވާލާ ޖެންޑަރ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހާއި ޙިއްސާކުރައްވައިފިއެވެ.

އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ ޢާއިލާތައް ނުވަތަ މަސްތުވާތަކެތީގެ ބޭނުންކުރާ ބެލެނިވެރިން ހިމެނޭ ޢާއިލާއެއްނަމަ، ނުވަތަ ޢާއިލާގެ ތެރޭގައި ޖިންސީގޯނާގެ ޢަމަލެއްހިންގާ މީހެއް ހުރިކަން ފާހަގަވެއްޖެނަމަ އެއީ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ އާއިލާއެއްކަމަށް ނިންމާ މިހާރު އެގޮތަށް ފާހަގަވެފައިވާ އާއިލާތައް ދެނެގަތުމަށް ކްރައިޓީރިއާއެއް ކަނޑައަޅައިދިނުމަށް ޖެންޑަރ މިނިސްޓަރަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ގދ.ކަނޑުހުޅުދޫގައި ދެ އަހަރުނުވާ ތުއްތުކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލަ ދިރާސާކޮށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ މިވަގުތަށް ކޮންމެހެން ނިންމާ އަމަލުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން މަޖިލީހުގެ ރައީސާ ޙިއްސާ ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމެވި ނިންމެވުންތައް ތަންފީޛުކުރެއްވުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް އަންގަވާފައެވެ.

މިގޮތުން ހަތް ކަމެއް ތަންފީޒްކުރުމަށް މަޖިލީހުން ޖެންޑަރ މިނިސްޓްރީއަށް އަންގާފައިވެއެވެ. އޭގެތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަތުމަށްޓަކައި ދަފުތަރެއް އެކުލަވައިލައި އަދި ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ގަވާއިދުން މޮނިޓަރކުރާނެ ނިޒާމެއް އެކުލަވާލުމަށް މިނިސްޓްރީއަށް މަޖިލީހުން އަންގާފައިވެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސްއިން ވިދާޅުވީ، މަޖިލީހުން އެދުނުގޮތަށް ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަތުމަށްޓަކައި އެކުލަވާލި ދަފްތަރު މަޖިލީހަށް މިހާރު ފޮނުވާފައިވާކަމަށެވެ.

މީގެ އިތުރުން ޖެންޑަރ މިނިސްޓްރީން ތަންފީޒްކުރުމަށް މަޖިލީހުން އަންގާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ދެނެގަނެ، 30 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މައްޗަށް އެކުލަވާލައްވާ ދަފްތަރުގައި މި މަޢުލޫމާތު ހިމެނުންހިމެނެއެވެ.

އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި، ދަޢުވާއުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މުޖުތަމަޢަށް ދޫކޮށްލާފައިވާ ފަރާތްތައް މިހާރުން މިހާރަށް ދެނެގަނެ، އެފަދަ މީހުން ދޫކޮށްފައިވާ ސަބަބުތައް އަލުން މުރާޖަޢާކޮށް، މިފަދަ މީހުން މޮނިޓަރކުރާނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލެއްވުންވެސް ހިމެނެއެވެ.