ޚަބަރު

ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ސިމްޕޯސިއަމެއް ބާއްވަނީ


ދުނިޔޭގެ ކެންސަރު ދުވަހާ ގުޅުވައިގެން ކަމާބެހޭ ފަރާތްތަކާއެކު ސިމްޕޯސިއަމެއް ބާއްވަން ނިންމައިފިއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ކެންސަރ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދާ މި ސިޕްމޯސިއަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ ހެޑްއޮފް އޮންކޮލޮޖީ، ޑރ. މުހައްމަދު ޝިފާން ވިދާޅުވީ މި ސިމްޕޯސިއަމްގައި ކެންސަރު ބަލީގައި ފަރުވާދޭ ތަޖުރިބާކާރުން ބައިވެރިވާނެކަމަށެވެ. މިގޮތުން އިންޑިއާ، ދެކުނު އެފްރިކާ، އިނގިރޭސިވިލާތް ޒިމްބާބްވޭ އަދި ނޭޕާލްގެ ތަޖްރިބާކާރުން ބައިވެރިވާނެކަމަށެވެ.

އެސްޓީއޯ މެޑިކަލްސް ގެ މެނޭޖަރ ހަމްދޫން ފާއިޒް ވިދާޅުވީ، ކެންސަރ ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭސް މިހާރުވެސް އައިޖީއެމްއެޗާއި އެސްޓީއޯއިން ލިބޭނެ ކަމަށެވެ. އަދި ކެންސަރުގެ ބައެއް ވައްތަރުތައް ޖެހޭ މީހުންނަށް ބޭނުންވާ ބޭސް ވަގުތުން ވަގުތަށް ނުލިބުނު ނަމަވެސް ވަރަށް އަވަހަށް ބޭސް ފޯރުކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސިމްޕޯސިއަމްގެ އިތުރުން ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހު ނަރުހުން ތަމްރީން ކުރުމުގެ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަމަހުގެ 4 ވަނަ ދުވަހު ދަރިވަރުންނާއި، ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމުގެ ހަރަކާތެއް ބޭއްވުމަށްވެސްވަނީ ނިންމާފައެވެ.

ކެންސަރ ސޮސައިޓީން ވަނީ ސްކޫލް ކުދިންނާއި ބެލެނިވެރިންނާއި، މުދައްރިސުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އަންނަމަހުގެ 4 ވަނަ ދުވަހު ވީޑިއޯ ކޮންފަރެންސެއްވެސް ބޭއްވުމަށް ނިންމާފައެވެ.
ކެންސަރު ބައްޔަކީ ރާއްޖޭގައި ނިސްބަތުން ބަލާއިރު ގިނަ ބައްޔެކެވެ. އެގޮތުން ވޭތުވެދިޔަ 2 އަހަރު ގާތްގަޑަކަށް 60 މީހުން މިބައްޔަށް އަޖީއެމްއެޗުން ފަރުވާ ހޯދާފައިވެއެވެ. ކެންސަރު ބަލިން ދުރުކޮށްދޭ ކަންކަމާއި، ބަލީގެ އަލާމަތްތަކާމެދު ހޭލުންތެރިކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 4 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ވޯލްޑް ކެންސަރ ދުވަހުގެ ގޮތުގައެވެ.