ވިޔަފާރި

ރާއްޖެ އަންނަން ތިބި 5500 އަށްވުރެ ގިނަ ފަތުރުވެރިން ބުކިން ކެންސަލްކޮށްފި


ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން މިހާތަނަށް 5500 އަށް ވުރެ ގިނަ ޓުއަރިސްޓް ބުކިން ކެންސަލް ކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުމުގައި ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކުރިޔަށް ވުރެން ކެންސަލޭޝަންތައް މިހާރު ދެގުނަ އިތުރުވެފައިވާކަމަށެވެ.

"ބުކިން ކެންސަލް ކޮށްފައިވާ މިންވަރު ކުރިޔަށް ވުރެ ދެ ގުނަ އިތުރުވެފައި މިވަނީ. މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ އަދަދު މިހާރު މިއުޅެނީ 5556 ގައި. އޭގެ ތެރޭގައި ޗައިނާގެ 3693، އިޓަލީން 397، ޖަރުމަނުން 187 އަދި ޔޫކޭ 163 ފަތުރުވެރިންގެ ބުކިން ކެންސަލްކޮށްފަ މިވަނީ. އަޅުގަނޑުމެންގެ ކީ ޓޮޕް މާކެޓްތަކުންވެސް ކެންސަލޭޝަންތައް އެބައާދޭ. މިދިމާވި ހާދިސާއަކީ މުޅި ދުނިޔެއަށް ކުރިމަތިވި ކަމެއް." އަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ކުރިޔަށް މިއޮތް ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ހަފްތާއަށް ބަލާއިރު، މޯލްޑިވިއަންއިން އެކަނިވެސް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ، ގާތްގަޑަކަށް 954 ބުކިން ކެންސަލް ކޮށްފައިވާކަމަށެވެ. އަދި މިނިންމުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތައްޓަކާ ސަރުކާރުން އަޅާ ފިޔަވަޅެއްކަމަށާއި، ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިން އެނބުރި ޤައުމަށް ދިއުމަށް ދަތި ނުވާނެހެން އިންތިޒާމްތައްވެސް ހަމަޖައްސަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިން، ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިންވެސް، އަނބުރާ އެފަރާތްތަކުގެ ޤައުމަށް ދިއުމަށް ދަތި ނުވާނެހެން އިންތިޒާމްތައް ހަމަޖައްސަމުން ދަނީ. އަދި ސަރުކާރާ ގުޅިގެން 24 ގަޑިއިރު، މިނިސްޓްރީގައިވެސް ހޮޓްލައިނެއް ޤާއިމްކުރެވި، މި މަސައްކަތް ކުރަމުން ދަނީ. އިޤްތިސާދީގޮތުން މިކަމަށް އަންނާނެ ގޮންޖެހުންތައް، މިކަން ހައްލުކުރާނީ ސަރުކާރާ ޕްރައިވެޓް ސެކްޓަރއާއި ގުޅިގެން. ރާއްޖޭގެ އިޤްތިސާދުގެ މައިނާރަކީ ފަތުރުވެރިކަން. ނަމަވެސް މިކަމުން ޤައުމު ރައްކާތެރިކުރުމަށް ފުރަތަމަ ބަލާނީ ޕްރޮޓެކްޝަނަށް. އެއަށްފަހު މިކަމުން އަރައިގަތުމަށްޓަކާ އިޤްތިސާދީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރާނަން." އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާއާ ގުޅުންހުރި އެކި ނިންމުންތައް ނިންމަމުން ދަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެތިވާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމަށެވެ.