ޚަބަރު

ކޮރޯނާ ވައިރަސް ފެނިފައިވާ ޤައުމުތަކަށް ދަތުރު ނުކުރަން އިލްތިމާސްކޮށްފި


ކޮރޮނާވައިރަސްގެ އަސަރު ފެނިފައިވާ ޤައުމުތަކަށް، ކޮންމެހެން ދަތުރުކުރަން ޖެހިގެންނޫނީ މިދުވަސްވަރު ދަތުރު ނުކުރުމަށް ދިވެހިސަރުކާރުން އިލްތިމާސް ކުރައްވައިފިއެވެ. ސަރުކާރުން މިގޮތަށް އިލްތިމާސް ކުރައްވާފައިވަނީ ކޮރޮނާވައިރަސް ފެންނަމުންދާ ޤައުމުތައް އިތުރުވެ އެކަމުގެ ނުރައްކާތެރިކަން ރާއްޖެއަށްވެސް ބޮޑުވެފައިވާ ރައްކާތެރިވުމުގެގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައެވެ.

ހަލުވިކަމާއެކު މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޮނާވައިރަސްއާ ގުޅިގެން ސަރުކާރުން އަޅުއްވަމުންއަންނަ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫމާތުދެއްވުމަށް ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދަޅުވީ ދިވެހިރައްޔިތުންގެ ރައްކާތެރިކަން ހަށަވަރުކުރުމުގެ ގޮތުން އަޅުއްވަން ޖެހިއްޖެ ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއްނެތި ދިވެހި ސަރުކާރުން އަޅުއްވާނެކަމަށެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދުވެސް ވިދަޅުވީ މިއީ މުޅިދުނިޔެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށާ، މިދަނޑިވަޅުގައި އެހެން ހުރިހާކަމަކަށްވުރެ ސަރުކާރުން އެންމެ އިސްކަމެއް ދެނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު މި ޙާލަތުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ފަށާނީ ޕްރައިވެޓް ސެކްޓާރއާ ގުޅިގެންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި ދުނިޔެއަށް އިގްތިޞާދީ ބޮޑު ލޮޅުންތަކެއް އަރާނެކަމަށް ލަފާކުރެވެއެވެ. މިހާތަނަށް ރާއްޖެއަށް އައުމަށް ބުކިންގ ހަދާފައިވާ ފަތުރުވެރިންގެ ތެރެއިން ފަސްހާހަށްވުރެ ގިނަ ބުކިންގ ކެންސަލްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ. އަދި މިވަގުތު ޗައިނާއަށް ސީދާ ދަތުރު ހުއްޓާލުމާއި ގުޅިގެން މޯލްޑިވިއަންއިން އައުމަށް ޗައިނާ ފަތުރުވެރިން ހައްދާފައިވާ 900 އަށްވުރެ ގިނަ ރިޒަރވޭޝަންތައްވެސް ކެންސަލްކުރާނެކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.