ކުޅިވަރު

ބްރޫނޯ ފެނާންޑޭޒް މެންޗެސްޓާ ޔުނައިޓެޑަށް!


ސްޕޯޓިން ލިޒްބަންގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް މެންޗެސްޓާ ޔުނައިޓެޑަށް ގަނެފި އެވެ.

ޕޯޗުގީޒް ލީގުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ޔުނައިޓެޑަށް ގެންދިޔައީ 55 މިލިއަން ޔޫރޯ އަށެވެ. ނަމަވެސް އޭނާގެ ބޯނަސްތަކާއެކު ޖުމުލަ އަގު 80 މިލިއަން ޔޫރޯ އަށް އަރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލޭގަނާ ސޮލިޝަޔާ ބުނީ މި ޓްރާންސްފާއާމެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރުމެން މިދިޔައީ ޓްރާންސްފާ މާކެޓް ފެށުނީއްސުރެ އޭނާ ގަތުމަށް ވާހަކަ ދައްކަމުން. ވަރަށް ދިގު އެކަމަކު ވަރަށް ރަނގަޅު މަޝްވަރާތަކަކަށް ފަހު މި ޑީލް ނިމިގެންމިދިޔައީ. އޭނާ އަކީ އަހަރުމެންގެ ސްޓައިލަށް ފެތޭ މޮޅު ކުޅުންތެރިއެއް. ޓީމެއް ބިނާކުރަން ކުރާ މަސައްކަތުގައި އޭނާ ފަދަ ކުޅުންތެރިއެއްގެ އެހީ ޔުނައިޓެޑަށް މުހިންމު،" ޕޯޗުގީޒް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މިދިޔަ ދެ ސީޒަނުގައި ހޯދި މިޑްފީލްޑަރާ ބެހޭ ގޮތުން ސޮލިޝަޔާ ބުންޏެވެ.

ޔުނައިޓެޑުން މިހާރު ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އިންޓަމިލާނަށް ފޮނުވާލި ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒް ވެސް އަލުން ގެނައުމަށް ނިންމައިފަ އެވެ. ނަމަވެސް އެއީ އަންނަ ސީޒަނަށެވެ.

ސަންޗޭޒްއާ މެދު ޔުނައިޓެޑްގެ ވިސްނުން ބަދަލުވީ ކުޅުންތެރިންގެ ގަންނަންޖެހޭ އަގުބޮޑުވުމާއެކު، ވިއްކާލަންޖެހޭ ކުޅުންތެރިންނަށް ކުލަބުން ބޭނުންވާ އަގު ލިބުމުގައި ދަތިތަކެއް ހުރުމުންނެވެ.