2019 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ އިންޝުއަރެންސް ސިނާއަތުގެ ޖުމްލަ އެސެޓް 1.4 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ބުނެފިއެވެ.
އެމްއެމްއޭ އިން ނެރެފައިވާ އިންޝުއަރެންސް ހިސާބުގެ ދައްކާގޮތުން ރާއްޖޭގައި މިހާރު ފަސް އިންޝުއަރެންސް ކުންފުނި ހިންގަމުންދެއެވެ. އަދި 40 އެޖެންޓުންނާއި 8 ބްރޯކަރ ކުންފުނި ހަރަކާތެރިވެއެވެ. އަދި މި ކުންފުނިތަކުގެ ޖުމްލަ އެސްޓް 2019 ވަނަ އަހަރު ނިމުނު ވަނީ 1.4 ބިލިއަން ރުފިޔާ އަށް އަރާފައެވެ.
އެމްއެމްއޭއިން ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު އިންޝުއަރެންސް ކުންފުނިތަކަށް ގްރޮފް ޕްރިމިއަމް ނުވަތަ ކްލައިންޓުން މެދުވެރިކޮށް އިންޝުއަރކުރުމަށް ދެއްކި ފައިސާގެ ގޮތުގައި ވަނީ 929.9 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އާޅާ ކިޔާއިރު 5 އިންސައްތައިން އިތުރުވުމެކެވެ. މީގެ ތެރެއިން 616.6 މިލިއަން ރުފިޔާއަކީ ބޭރުގެ އިންޝުއަރެންސް ޕާޓްނަރުނަށް ރާއްޖޭގެ އިންޝުއަރަންސް ކުންފުނިތަކުން ދެއްކި ރީއިންޝުއަރެންސް އަދަދެވެ.
ރީ-އިންސުއަރެންސްއަކީ އިންޝުއަރެންސް ކުންފުނިތަކުގެ ރިސްކް ކުޑަކުރުމަށް އެ ކުންފުނިތަކުން ނަގާ ރިސްކް ބޭރުގެ އެހެން އިންޝުއަރެންސް ކުންފުނިތަކަށް ހިއްސާކުރުމެވެ.
އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރު ގްރޮސް ކްލެއިމް ނުވަތަ އިންޝުއަރެންސްގެ ބަދަލުގެ ގޮތުގައި ކުންފުނިތަކުން ދެއްކި އަދަދު ވަނީ 275 މިލިއަން ރުފިޔާ އަރާފައެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 15 ޕަސެންޓުގެ އިތުރުވުމެކެވެ.
އަނެއްކޮޅުން މިދިޔަ އަހަރު ގެ ޖުމްލަ އިންޝުއަރެންސް ޕްރިމިއަމްގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރީ އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުން ކަވަރ ކުރުމަށް ނަގާފައިވާ އިންޝުއަރެންސުންނެވެ.
މިދިޔަ އަހަރުގެ އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުމުން ރައްކާތެރިވުމަށް ކޮށްފައިވާ އިންޝުއަރެންސް ގެ ޖުމްލަ އަދަދު 47.2 މިލިއަން ރުފިޔާ އަރާފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 33 އިންސައްތަ އިތުރު އަދަދެކެވެ. ދެވަނައަށް އެންމެ ގިނައިން އިންޝުއަރެންސް ޕްރިމިއަމް ނަގާފައިވަނީ ހެލްތް އިންޝުއަރެންސްއަށެވެ. މިގޮތުން ހެލްތެ އިންޝުއަރެންސް ޕްރިމިއަމްގެ ޖުމްލަ 5.9 މިލިއަނަށް އަރާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާކިޔާއިރު، 25 އިންސައްތަ އިތުރު އަދަދެކެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި އިންޝުއަރެންސް ކުންފުނިތަކުގެ ޖެނެރަލް އިންޝުއަރެންސް ވިޔަފާރީގެ ފައިދާ މިދިޔަ އަހަރު 12 ޕަސެންޓް އިތުރުވެ، 156.1 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ،