ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުކުރާ ފްލައިޓްތައް މެދު ކަނޑާލައިފިއެވެ.
މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ޕްރެސްކޮންފަރެންސްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާިދު ވިދާޅުވީ މިގޮތަށް ސަރުކާރުން ނިންމެވީ ޗައިނާގައި ފެތުރެން ފަށާފައިވާ ކޮރޯނާ ވައިރަހުން ރައްކާތެރިވެ ތިބުމުގެ ގޮތުންކަމަށެވެ.
މި ޕްރެސްކޮންފަރެންސް ދެއްވަނީ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނާއި، ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދެވެ.
މިނިންމުން ނިންމެވިއިރު ޖުމުލަ 950 އަށްވުރެ ގިނަ ފަތުރުވެރިން މޯލްޑިވިއަނުން އެކަނިވެސް ޗައިނާއިން ރާއްޖެ އަންނަން ހަމަޖެހިފައި އޮތްކަމަށާ، މި ހުރިހާ އެންމެންގެ ދަތުރުވެސް މިހާރު ކެންސަލްވެފައިޥާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީވަޙީދު ވިދާޅުވިއެވެ. މިނިންމުން ނިންމަވާފައިވަނީ ޓުއަރިޒަމް އިންޑަސްޓްރީގެ އިސްފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއެކުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޗައިނާގެ ޔޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން ހަތްމީހުން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށާ، އަނެއް ދެމީހުން އަންނަން ބޭނުންނުވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ. އަންނަން ބޭނުންވާ 7 މީހުން ވޫހާން ސިޓީން ނެރެން މަސައްކަތް ކުރަމުންދާކަމަށާ، އެމީހުން ގެންދަނީ ރާއްޖެނޫން ކޮންމެވެސް އެހެން ޤައުމަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކޮން ޤައުމެއްކަން މިނިސްޓަރ ޝާހިދު ހާމައެއް ނުކުރައްވައެވެ.
ރާއްޖެއަށް މިވަގުތަށް ބޭނުންވާވަރަށް މާސްކް އެބަހުރިކަމަށާ، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ސާމާނުވެސް އެސްޓީއޯ މެދުވެރިކޮށް ބޭނުންވާވަރަށް ގެނެސްފައިވާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ.