ޚަބަރު

މިރޭގެ މަޣުރިބު ނަމާދުން ފެށިގެން ނަމާދުގައި ޤުނޫތު ކިޔަން އަންގައިފި


ކޮރޯނާ ވައިރަހާއި ހިމަބިހިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު ޢާންމުވެފައިވާތީ މިރޭގެ މަޣުރިބު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައިވެސް ޤުނޫތު ކިޔާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަމަޖައްސަވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގައި 2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ (މިރޭގެ) މަޣްރިބު ނަމާދުން ފެށިގެން، އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން، ކޮންމެ ޖަހްރިއްޔާ (އަޑުހަރުކޮށް ކިޔަވާ) ނަމާދުތަކުގެ ފަހު ރަކްޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިޔާ ގޮތަށް ވަނީ ހަމަޖައްސާފައި ކަމަށެވެ.

މިގޮތުން ޤުނޫތު ނާޒިލާ ކިޔާނީ، މަޣުރިބު ނަމާދާއި ޢިޝާ ނަމާދާއި ފަތިސް ނަމާދުގެ ފަހު ރަކުއަތުގައެވެ.

މީގެ ކުރިންވެސް ބަލިމަޑުކަމާއި ރޯގާތަކާއި ގުޅިގެން ފަރުޟު ނަމާދުތަކުގައި ޤުނޫތު ކިޔާފައި ވެއެވެ.

ރާއްޖޭގައި، ހިމަބިހި ފެތުރެންފަށާފައި ވާއިރު، ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައި ރާއްޖެއިން ވަނީ ތައްޔާރުވެފައެވެ.