ޓްރެފިކް މައްސަލަތަކަށް އާއްމުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ "ރައްކާ"ގެ ފަސްވަނަ އެޑިޝަންގެ އެއްބަސްވުމުގައި ފުލުހުންނާއި އެލައިޑާއި ދެމެދު ސޮއިކޮށްފިއެވެ.
ފުލުހުން ކުރިއަށް ގެންދާ ރައްކާ ކެމްޕެއިނަކީ، މަގުމަތީގައި ދިމާވާ އެކި ކަހަލަ ނުރައްކާތެރި އެކްސިޑެންޓްތަކާއި، އަދި ހިނގާ ޙާދިސާތަކަށް އާއްމުން ރައްކާތެރިވުމަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި އެއްބަސްވުމުގައި އެލައިޑް އިންޝުއަރެންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަފާޒްއެވެ.
އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.
އެއްބަސްވުމުގައި ސޮއިކުރައްވައި ވާހަކަފުޅު ދައްކަވަމުން އެލައިޑްގެ އެމްޑީ މުޙައްމަދު ޝަފާޒް ވިދާޅުވީ އާއްމުންގެ ރައްކާތެރިކަމަށް "ރައްކާ" ކެމްޕެއިންގެ ތެރެއިން މިދިޔަ އަހަރުތަކުގައިވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތާންގައިވެސް މިފަދަ ޕްރޮގްރާމްތަކަށް އެލައިޑުގެ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.
"މިފަހަރުގެ ޕްރޮގްރާމަކީ މާލެއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ރައްކާތެރިކަމުގެ ކަރަކާތްތަކެއް. މީގަ ސްކޫލްކުދިނަށް މަޢުލޫމާތު ދިނުމުގެ ސެޝަނާއި، އަދި އާއްމުންނާއި ޓެކްސީ ޑްރައިވަރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ގެންދާނަން." ޝަފާޒް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ މި މަސައްކަތަކީ ކުރިއަށް އޮތް 5އަހަރަށް ތައްޔާރުކޮށްފައިވާ ފުލުހުންގެ ސްޓްރެޓީޖީތަކުގެތެރޭގައި ހިމެނޭ ރައްކާތެރިކަމާއި ގުޅޭ ސްޓްރެޓެޖީ ޙާސިލްކުރުމަށް ކުރެވޭ މަސައްކަތެކެވެ.
"މާލެއެކޭ އެއްގޮތަށް އާބާދީ ބޮޑެތި ރައްކުގައިވެސް އެވެއަރނަސް ޕްރޮގްރާމް ހިންގާނަން. މި މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތައް ކުރިއަށްގެންދާނަން. މިއީ ފުލުހުންގެ ކްރައިމް ޕްރިވެންޝަން ޑިޕަރޓްމަންޓަށްވެސް ލިބޭ އެހީއެއް." ސީޕީ ހަމީދް ވިދާޅުވިއެވެ.
އެލައިޑުންދަނީ މަގުމަތީގެ ހަރަކާތްތަކާއި، އަދި ވީޑިއޯ ޕޯސްޓްތަކުގެ އެހީގައިވެސް މަގުމަތީގެ ރައްކާތެރިކަމަށް މީހުން އަހުލުވެރިކުރަމުންނެވެ. މިއީ އެލައިޑުން މި ހަރަކާތް ކުރިއަށްގެންދާ ފަސްވަނަ އަހަރެވެ.