ވިޔަފާރި

އެމްއޭސީއެލްއަށް ސީއީއޯއެއް ހޯދަނީ


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއަށް ޗީފް އެގްޒެކްޓިވް އޮފިސަރއެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ސީއީއޯއެއް ހޯދުމަށް އެމްއޭސީއެލްއިން އިޢުލާނުކޮށްފައިވާއިރު އެމްއޭސީއެލްއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިހާތަނަށް މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކޮށްފައިނުވާ ހަމައެކަނި ކުންފުންޏެވެ.

އެމްއޭސީއެލްގެ އިޢުލާންގައިވާ ގޮތުން ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ގޮތުގައި އޭވިއޭޝަން ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ސަނަދެއް ހާސިލްކޮށްފައިވުމާއި މިދާއިރާއިން 15 އަހަރުގެ ތަޖުރިބާހުރުމާއި ސީނިއަރ މެނޭޖްމަންޓް ލެވެލްއެއްގައި 10 އަހަރުގެ ތަޖުރިބާ ހޯދާފައިހުރުން ކަނޑައަޅާފައިވެއެވެ.

އެމްއޭސީއެލްއިން ބުނީ މި މަޤާމަށް މީހަކު އައްޔަން ކުރަނީ 3 އަހަރު ދުވަހުގެ މުއްދަތަކަށްކަމަށެވެ.

އެމްއޭސީއެލްއަށް ސީއީއޯއެއް ހޯދުމަށް އިޢުލާނުކޮށްފައިވާއިރު އެކުންފުނި ހިންގުމުގައި އިސްކޮށް މިވަގުތު ހުންނެވީ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙްއެވެ.

ވެލާނާ އިންޓަނޭޝަލް އެއަރޕޯޓް ހިންގާ އެމްއޭސީއެލްގައި 3200 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާއިރު، އެއީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއްވެސް ހޯދައިދޭ އެއް ކުންފުންޏެވެ.