ތަޢުލީމު

އިންތިޚާބުތަކަށް އޮފިޝަލުން ތަމްރީނުކުރަނީ


އިންތިޚާބުތަކަށް އޮފިޝަލުން
ތަމްރީނުކުރުމާއި ގުޅޭގޮތުން އިލެކްޝަންސް
ކޮމިޝަނާއި ސިވިސް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި ދެމެދު އެއްބަސްވުމެއްގައި
ސޮއިކޮށްފިއެވެ.



މިކަމަށްޓަކައި އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި އެކޮމިޝަންގެ
ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކޮމިޝަންގެ ނާއިބް ރައީސް އަމްޖަދު މުސްތަފާއެވެ.
ސީ.އެސް.ޓީ.އައިގެ ފަރާތުން ސޮއިކުރެއްވީ ސިވިސް ސަރވިސް ކޮމިޝަނުގެ ނާއިބް
ރައީސް އަހުމަދު ހަސަންދީދީއެވެ. 



މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ
ނާއިބް ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، މި އެއްބަސްވުމުގެ މަޤްސަދަކީ،
އިންތިހާބުތަކަށް އާންމުން ހޭލުންތެރިކުރުވުމާއި ވޯޓުލުމުގެ މަސައްކަތުގައި
ހަރަކާތްތެރިވާ މީހުންނަށް ދޭންޖެހޭ ތަމްރީނު ޕްރޮގްރާމްތައް ދެފަރާތް އެއްބަސްވާގޮތެއްގެ
މަތިން ކުރިއަށް ގެންދިޔުންކަމަށެވެ. އަދި ރައްޔިތުންނަށްދޭ ހިދުމަތުގެ ފެންވަރު
ރަނގަޅުކޮށް އިންތިހާބުތަކާއި ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން
އިތުރުކުރުމާއިއެކު އިންތިހާބުތަކުގައި ދިމާވާ މައްސަލަތައް މަދުކުރުންކަމަށްވެސް
އަމްޖަދު ވިދާޅުވިއެވެ.





މިއެއްބަސްވުމުގެ ދަށުން ހިންގާ ކޯސްތަކަކީ ސެޓްފިކެޓު ލެވެލް އެކެއްގެ ކޯސްތަކެއް ކަމަށާއި ދެ
އަހަރުތެރޭ 500 ކުދިން ތަމްރީނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.