ވިޔަފާރި

އެސްޓީއޯއިން އޮޓޮމޭޓަޑް މެޑިކަލް ވެއަރހައުސްއެއް ޤާއިމްކުރަނީ


ރާއްޖެއަށް އެތެރެކުރާ ބޭސް ރައްކުރުމަށް އޮޓޮމޭޓަޑް މެޑިކަލް ވެއަރހައުސްއެއް މިއަހަރު ޤާއިމްކުރުމަށް ނިންމާފައިވާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހަސަން އަމްރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި އެސްޓީއޯއިން ހިންގާ ބޭސް ޑިސްޓްރިބިއުޓްކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ކަމަށެވެ. މިގޮތުން ރާއްޖެއަށް ގެންނަ ބޭސް ރައްކާކުރުމަށް މިހާރު މާލޭގައި ހުރީ ވަކިވަކި ވެއަރ ހައުސްތަކެއްކަމަށާއި މިކަމުގެ ސަބަބުން ރަށްރަށަށް ބޭސް ފޯރުކޮށްދިނުމުގައި ގިނަ ވަގުތުތަކެއް ހޭދަވާކަމަށެވެ. އެގޮތުން ބައެއް ފަހަރު ރަށްރަށަށް ބޭސް ފޮނުވުމަށް 7-10 ދުވަސް ނަގާކަމަށް އަމްރު ވިދާޅުވިއެވެ.

"ޓާގެޓަކީ މެޑިކަލް ވެއަރ ހައުސްއެއް އެޅުން. އެހެންކަމުން ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް ގެނެސް އެއްތަނެއްގައި ރައްކާކޮށް، އެއެއްޗެތި ރަގަނޅަށް ޕެކްކޮށް މުޅި ރާއްޖެއަށް ޑިސްޓްރިބިއުޓް ކުރެވޭނެ ވެއަރ ހައުސްއެއް އެޅުމަށް ވަނީ ނިންމާފައި. މިމަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ. ސެންޓްރަލީ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ނުކޮށްފިނަމަ ޑީމާންޑަށް ކޭޓާ ނުކުރެވެނޭ" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މެޑިކަލް ވެއަރހައުސްގެ ސަބަބުން މަސައްކަތް އޮޓަމޭޓް ކުރެވި، އެއްތަނަކުން ހުރިހާ އެއްޗެއް ބަންދުކޮށް، ފޮނުވުމުގެ މަސައްކަތް ކުރެވިގެންދާނޭކަމަށެވެ. އެހާހިސާބުން ރަށްރަށަށް އަވަހަށް ބޭސް ފޯރުކޮށްދިނުމަށް މަގުފަހިވެ، މަސައްކަތް އަވަސްވާނެކަމަށް އަމްރު ވިދާޅުވިއެވެ.

"ރަށްތަކުގެ ފާމަސީތަކަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގައި އެފިޝަންޓުކޮށް ހިދުމަތް ދިނުން އެއީ ޓާގެޓެއް. މިކަމަށް ދަތިތައް އެބަހުރި. މައިގަނޑު އެއްކަމަކީ ރާއްޖެއަށް ބޭސް އެތެރެކޮށް މާލެގައި ޑިސްޓްރިބިއުޓްކުރުމަށް ދާ ވަގުތު. ވެއަރހައުސް ކެޕޭސިޓީ ހުރި ގޮތުން، ބޭސް އެތެރެކޮށް، ސޯޓްކޮށް، ޕެކްކުރުމުގައި ދަތިތައް އެބަހުރި، އެކި އެއްޗެތި އެކި ތަންތާ ހުރުމުން ގިނަ ވަގުތު ނަގާ" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ރާއްޖޭގައި 187 ފާމަސީ ހިންގަމުންދެއެވެ. އެސްޓީއޯއިން ހިނގާ ފާމަސީތަކުގެ އިތުރުން ރާއްޖޭގައި ސިއްހީ ޚިދުމަތްދޭ އެހެން ބައެއް ތަންތަނަށްވެސް އެސްޓީއޯއިން ބޭސް ވިއްކައެވެ. އެސްޓީއޯއިން ސަޕްލައިކުރާ ހުރިހާ ފާމަސީތަކަށް ބޭނުންވާ ބޭސް ރާއްޖެ ގެނެސް މިވަގުތު ރައްކާކުރަމުންދަނީ 4 ގުދަނެއްގައެވެ.