ވިޔަފާރި

އެސްޓީއޯއިން އަވަށްޓެރި ޤައުމުތަކަށް ތެޔޮ އެކްސްޕޯޓްކުރަން ފަށަނީ


އެސްޓީއޯއިން އަވަށްޓެރި ޤައުމުތަކަށް ތެޔޮ އެކްސްޕޯޓްކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ހަކަތައިގެ ބޭނުމަށް ތެޔޮ ގެނައުމުގެ އިތުރުން އަވަށްޓެރި ޤައުމުތަކަށްވެސް ތެޔޮ ވިއްކަން ނިންމާފައިވާކަމަށެވެ. އެގޮތުން ފެބްރުއަރީމަހުގެ ތެރޭގައި ސްރީލަންކާއަށް ތެޔޮ ވިއްކަން ފަށާނެކަމަށް އަމްރު ވިދާޅުވިއެވެ. އެސްޓީއޯގެ ތެލުގެ ވިޔަފާރި ފުޅާކޮށް، ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށްވެސް އަމްރު ވިދާޅުވިއެވެ.

"މިހާރު އޮތް ވަރަށް ވުރެ ބޮޑު ތެޔޮ ޓޭންކަރެއް މިއަހަރު ތެރޭގައި ގަންނަން. ހަކަތަ އުފައްދަން ބޭނުންވާ ތެޔޮ އެތެރެކުރާ އިރު ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަކަށް ލުއި ފަސޭހަވާނެ ގޮތަކަށް އެކަންކަން ކުރުން. އެގޮތުން މަތިން މިކަހަލަ އިންވެސްޓްމަންޓުތައް ކުރަމުން މިދަނީ. އަދި އޭގެ އިތުރުން ތެޔޮ އެތެރެކުރުމުގެ އިތުރުން ތެޔޮ ޑިސްޓްރިބިއުޓްވެސް ކުރަމުން މިދަނީ. އެހެން ކަމުން އެންމެ ފަސޭހަކޮށް، ލުއިކޮށް ރައްޔިތުންނަށް އެކަންކަން ފޯރުކޮށްދިނުމަށް ހަތަރު ބާޖެއް ބަންނަމުން މިދަނީ. މިއަންނަ އަހަރު ތެރޭގައި ބާޖު ލިބޭނެ." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވިޔަސް ރާއްޖޭގައި ތެލުގެ އަގުތައް އެއްހަމައެއްގައި ބެހެއްޓުމަށް އެސްޓީއޯއިން މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން މިދިޔަ އަހަރާއި މިއަހަރުވެސް މެދުއިރުމަތީގެ މައްސަލަތަކާއި އެހެނިހެން ބައެއް މައްސަލަތަކުގެ ސަބަބުން ބާޒާރުގައި ތެލުގެ އަގުތައް މައްޗަށްދިޔައިރުވެސް ރާއްޖޭގެ ބާޒާރުގައި ތެލުގައި އަގު ތިރިކުރެވުނުކަން އަމްރު ފާހަގަކުރެއްވިއެވެ.

އެސްޓީއޯއިން ތެލުގެ ވިޔަފާރިފުޅާކުރުމަށް ބޮޑު ޓޭންކަރެއް ގެނައުމުގެ މަސައްކަތްކުރަމުންދާއިރު، 2018 ވަނަ އަހަރު އެކުންފުނިން ވަނީ 25 ހާސް ޓަނުގެ ތެޔޮ ޓޭންކަރެއް ގަނެފައެވެ.