ޚަބަރު

ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅިއްޖެނަމަ ކޮރޯނާ ވައިރަސްގެ ނުރައްކަލުން ސަލާމަތްވުމުގެ ފުރުސަތު އެބައޮތް - ހެލްތު މިނިސްޓަރ


ރަނގަޅުގޮތުގައި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅިއްޖެނަމަ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލުން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ކައިރި ޤައުމުތަކުން އަޅާ ފިޔަވަޅުތަކަކީ ރާއްޖެއަށް އޮތް ރައްކާތެރިކަމެއްކަމަށެވެ. މިނިސްޓަރ މިހެން ވިދާޅުވީ ކޮރޯނާ ވައިރަސްގެ ކޭސްއެއް ފެންނަ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން ހިންގޭ ޙަރަކާތްތައް ފައްޓަވާދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރައްވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއަކީ ޤައުމީ މައްސަލައެއްކަމަށާއި މިކަމުގައި މުޅި ޤައުމު ރައްކާތެރިކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންގެންދަވާ ކަމަށެވެ. އަދި މިކަމުގައި ރާއްޖެއިން އަޅާ ފިޔަވަޅުތަކާއި ވާ ތައްޔާރީ ތަކަކީ މިކަމުގައި ރާއްޖެއަށް އޮތް ހަމައެކަނި ބާރުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރަނގަޅު ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިއްޖެނަމަ ކޮރޯނާ ވައިރަހުން ރާއްޖެއަށް އޮތް ނުރައްކަލުން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ. މިނިސްޓަރ ވިދާޅުވީ އަތޮޅުތެރެއިން މިވައިރަސްއަށް ޕޮޒިޓިވްވާ މީހަކު ފެންނަ ޙާލަތުގައި ޢަމަލުކުރާނެ ގޮތްތައް ދެނެގަނެ އެކަމަށް ތައްޔާރުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

މީގެ އިތުރުން ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ ޙާލަތުގައި ވަގުތުން އަޅާނެ ފިޔަވަޅުތައް ހަމަޖައްސާފައިވާއިރު މިކަމަށް އެއަރޕޯޓުގައި ހަރަކާތްތެރިވާ މީހުން އަހުލުވެރިކުރުމުގެ އެކްސަރސައިޒެއް އެހުރިހާ ފަރާތެއް ޝާމިލުވާ ގޮތަށް ހެލްތު މިނިސްޓްރީން ވަނީ ދަރުބާރުގޭގައި ކުރިއަށް ގެންގޮސްފައެވެ. މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއަކީ ރައްޔިތުންގެ ސަލާމަތާއި އަދި ރާއްޖޭގެ އިޤްތިޞާދާ ވަރަށް ބޮޑަށް ގުޅިފައިވާކަމެއް ކަމަށެވެ.

މިމަހުގެ 7 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީން ޢާއްމުވި ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި ދުނިޔެއަށްވަނީ މީގެ ނުރައްކާ ބޮޑުވެފައެވެ. މިވައިރަސްއާ ގުޅިގެން ރާއްޖެއަށް މީހުން އެތެރެވާ ހުރިހާ ޕޯޓެއްގެ ސަލާމަތީ ކަންކަން މިހާރުވަނީ ވަރުގަދަ ކޮށްފައެވެ.
ކޮރޯނާ ވައިރަސްއިން ސަލާމަތްވުމަށް ހުރިހާ ޤައުމަކުންވެސް ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު މިހާތަނަށް ބައެއް ޤައުމުތަކުންވަނީ ޗައިނާއިން އަންނަ ފަތުރުވެރިންނަށް ދޭ އޮން އެރައިވަލް ވިސާ ވަގުތީގޮތުން ހުއްޓުވާލާފައެވެ. މިވައިރަސްއާއި ގުޅޭގޮތުން ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއް ނުވަތަ 10 ދުވަހާއި ދެމެދު ކޮރޯނާ ވައިރަހުގެ ޕީކަށް ދާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެއަށްފަހު ވައިރަސްގެ އަސަރު ކުޑަވަމުން ދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.